ތަޢުލީމު

އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ކާމިޔާބު - މިނިސްޓްރީ


މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޝިހާމް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާ ތަރައްޤީކުރެއްވުމަށް ބޭނުންވާ ގިނަ މަޢުލޫމާތުތަކެއް ލިބިވަޑައިގެންނެވި ދަތުރުފުޅެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝާތު ޝިހާމް ކެމްބްރިޖް ޔުނިވަރސިޓީގެ ދަޢުވަތަކަށް، މިމަހުގެ 24 އިން 28 އަށް، އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަކީ، ހުރިހާ ގޮތަކުންވެސް ކާމިޔާބު އަދި އެހާމެ އަގުހުރި މަޢުލޫމާތުތަކެއް ލިބިވަޑައިގެންނެވި ދަތުރުފުޅެއްގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން ސިފަކުރައްވައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ދަތުރުފުޅުގައި ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސްގެ މައި އޮފީހަށާއި އިނގިރޭސިވިލާތުގެ ޗެލްސީގައި ހުންނަ "އެޑިއުކޭޝަން ފަސްޓް" (އީ.އެފް) އަށް މިނިސްޓަރ ޒިޔާރަތްކުރައްވައި އެތަންތާނގެ އިސްވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގެ ތަޢުލީމީ ނިޒާމު ކުރިއެރުއްވުމަށްޓަކައި ގިނަ މަޝްވަރާތަކެއް ކުރައްވާފައިވާކަމަށެވެ. 

އަދި އީ.އެފްގެ ލެންގުއޭޖް ޕްރޮގްރާމްތައް ކުރިއަށްގެންދާ "ހަލްޓް އިންޓަރނޭޝަނަލް ބިޒްނަސް ސްކޫލް"އަށް ވަޑައިގެން، އެ ސްކޫލްގައި އީ.އެފްގެ ލެންގުއޭޖް ޕްރޮގްރާމްތައް ކުރިއަށްގެންދާ ގޮތުގެ މަޢުލޫމާތު މިނިސްޓަރ ވަނީ ހޯއްދަވާފައެވެ.

މި ދަތުރުފުޅުގައި ތަޢުލީމާއި ޓެކްނޮލޮޖީގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު އެގްޒިބިޝަން ކަމުގައިވާ "ބެޓް" އަށް މިނިސްޓަރ ޒިޔާރަތްކުރެއްވިއެވެ. މި އެގްޒިބިޝަނަށް ޒިޔާރަތްކުރެއްވުމުގެ މަޤްޞަދަކީ، ރާއްޖޭގެ ސްކޫލްތަކުގައި އައު މަންހަޖު ތަންފީޒުކުރައްވަމު ގެންދަވާ މިދަނޑިވަޅުގައި، ރާއްޖޭގެ ޤައުމީ މަންހަޖު އެންމެ ފުރިހަމައަށް ތަންފީޒުކުރެއްވުމަށް، އެކި މާއްދާތައް ކިޔަވައިދެއްވައި ޓީޗަރުން އެ މައްދާތަކަށް އިތުރަށް އަހުލުވެރިކުރުވައި، މިމާއްދާތައް ދަރިވަރުންނަށް ބޮޑަށް ތަފްޞީލުވެ މަޢުނަވީ ސިފައެއްގައި މިމާއްދާތައް އުނގެނުމަށް އެހީތެރިވެދޭނެ ތަފާތު ވަޞީލަތްތައް ހޯއްދަވައިދެއްވުން ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ދުނިޔޭގައި އެހެން ޤައުމުތަކުގައިވެސް އުނގެނުން އިތުރަށް ތަނަވަސްކުރުމަށް ބޭނުންކުރަމުން ގެންދާ ވަޞީލަތްތަކާބެހޭ މަޢުލޫމާތު ހޯއްދަވައި، އެ ވަޞީލަތްތައް ރާއްޖޭގެ ދަރިވަރުންނަށް ފަހިކޮށްދެއްވުމަށް މަސައްކަތްކުރެއްވުމުގެ ގޮތުން ކަމަށް އެޑިއުކޭޝަން މިނިސިޓްރީން ވިދާޅުވިއެވެ. އަދި ޓެކްނޮލޮޖީގެ އައު ވަޞީލަތްތައް ބޭނުންކުރައްވައިގެން ސްކޫލްތަކުގެ ދަރިވަރުންނަށާއި، މުދައްރިސުންނަށް އުނގެނުމާއި އުނގަންނައިދިނުމުގެ އައު ފަސޭހަތައް ހޯއްދަވައިދެއްވުމަކީވެސް، މި އެގްޒިބިޝަންއަށް ޒިޔާރަތްކުރެއްވުމުގެ ބޭނުމެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރައްވައެވެ.

މިނިސްޓަރގެ ޒިޔާރަތަށްފަހު މި އެގްޒިބިޝަންގެ ތެރެއިން ފާހަގަކުރެވުނު ބައެއް ކުންފުނިތަކާއި، އިންސްޓިޓިއުޓްތަކާ ގުޅިވަޑައިގެން އެޑިއުކޭޝަން މިނިސްޓްރީން މިހާރުވެސް ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޢަމާޒަކީ، ބައެއް އިންސްޓިޓިއުޓްތަކާ ގުޅިވަޑައިގެން ރާއްޖޭގެ ސްކޫލްތަކުގައި ބޭނުންކުރެއްވުމަށް އެ ވަޞީލަތްތަކަކީ އެންމެ އެކަށޭނަ އަދި އެންމެ ނަފާކުރުވަނިވި ވަސީލަތްތަކެއްތޯ ބެއްލެވުމަށް، ޕައިލެޓް ޕްރޮޖެކްޓްތައް ކައިރި މުސްތަޤްބަލެއްގައި ފެއްޓެވުންކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.