ކުޅިވަރު

ޔުނައިޓެޑް ވިކްޓްރީންވެސް އާ ސީޒަނަށް ފަރިތަކުރުންތައް ފަށައިފި


މިދިޔަ އަހަރު ދިވެހި ޕްރިމިއަރ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދައި ގިނަ ބަޔަކު ސިއްސުވާލި ޔުނައިޓެޑް ވިކްޓްރީވެސް އާ ސީޒަނަށް ޕްރެކްޓިސް ފަށައިފިއެވެ.

އިއްޔެ ހަވީރު ޕްރެކްޓިސް ފެށި ޔުނައިޓެޑް ވިކްޓްރީއަށް މިއަހަރުވެސް އިރުޝާދުދޭނީ ކުރިން އޯލް ޔޫތު ލިންކްއޭޖާއި ވިކްޓަރީ އަށް ކޯޗުކޮށްދީފައިވާ މުޙައްމަދު އާތިފެވެ. އާތިފްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ވިކްޓްރީ ވަނީ މިދިޔަ އަހަރު ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. ދިވެހި ޕްރިމިއަރ ލީގުގެ ގަދަ ހަތަރަކުން އެޓީމް ޖާގަ ހޯދިއިރު، އެފްއޭކަޕާއި ޕްރެޒިޑެންޓްސް ކަޕް އެޓީމް ނިންމާލީ ސެމީ ފައިނަލާއި ހިސާބުންނެވެ. 

މިދިޔަ އަހަރުވެސް ޔުނައިޓެޑް ވިކްޓްރީއަށް ކުޅުނު ގިނަ ކުޅުންތެރިން މިފަހަރުވެސް އެޓީމުން ފެނިގެންދާއިރު، އެޓީމާއި އަލަށް ދިވެހި ބައެއް ކުޅުންތެރިންވަނީ ގުޅިފައެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ވިކްޓްރީއަށް ކުޅުނު ދެ ކުޅުންތެރިންކަމަށްވާ އަލީ ޝަރީފް، ހަސަން ފައިރޫޒް އަދި ވެލެންސިޔާގެ އަބްދުލްވާހިދު ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ކުރިން ނިއުރޭޑިއަންޓާއި މާޒިޔާއަށް ކުޅުނު އަހުމަދު މުޙައްމަދު (އައްމަޑޭ)ވެސް އިއްޔެގެ ޔުނައިޓެޑް ވިކްޓްރީގެ ޕްރެކްޓިސްގައި ބައިވެރިވިކަން ފާހަގަކޮށްލެވެއެވެ. އައްމަޑޭ ވަނީ އޭއެފްސީކަޕަށް ކްލަބް ވެލެންސިޔާ ފުރުމުގެ ކުރިން ގަލޮޅު ދަނޑުގައި ބޭއްވި އެ ކްލަބްގެ ޕްރެކްޓިސްގައިވެސް ބައިވެރިވެފައެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި އައްމަޑޭ ހުރީ ވެލެންސިޔާގެ ކޮންޓްރެކްޓްގައެވެ. 

ޓީމް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ބިދޭސީ ހަތަރު ކުޅުންތެރިން ގެނައުމަށް އެޓީމުންވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ކިރްގިސްތާނުގެ ގޯލްކީޕަރު ރުސްލާން އަމިރޯވް އާއި ކްރޮއޭޝިޔާގެ ފޯވާޑެއްކަމަށްވާ ޓިހޮމީރް ޒިވްކޮވިޗް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މިދިޔަ ސީޒަންގައި ޓިސީއަށް ކުޅުނު ކުޑޫސް ކެލާނީވެސް ޔޫވީއާއި ގުޅޭނެކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އިއްޔެ އޮތް ފަރިތަކުރުންތަކުން ބިދޭސީ އެއްވެސް ކުޅުންތެރިއަކު ނުފެނެއެވެ.

ޔުނައިޓެޑް ވިކްޓްރީ ދޫކޮށް ދިޔަ ކުޅުންތެރިންނަކީ މާޒިޔާއާއި ގުޅުނު އަލީ ހައިޝަމް އަދި ގްރީން ސްޓްރީޓާއި ގުޅުނު މޫސާ ހަސަންއެވެ. އަދި މިދިޔަ ސީޒަންގައި ޔޫވީގެ ޖާރޒީގައި މޮޅު ކުޅުމެއް ދެއްކި ކެރިކް އަންދްރޭ އަދި ގޯލްކީޕަރު މަހުމޫދު އަލް ޔޫސުފް ކުރިއަށް އޮތް ސީޒަންގައި ފެންނާނީ ވިކްޓްރީންނެވެ.

ޔުނައިޓެޑް ވިކްޓްރީއަކީ އާ ސީޒަނަށް އެންމެ ލަހުން ފަރިތަކުރުންތައް ފެށި ކްލަބެވެ.