ދީން

މާދަމާއިން ފެށިގެން ޖަނާޒާގެ ހުރިހާކަމެއް ހުޅުމާލޭގައި


މާދަމާއިން ފެށިގެން ޖަނާޒާގެ އެންމެހާ ކަމެއް ކުރިއަށްދާނީ ހުޅުމާލޭގައިކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

ޓީވީއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ މާދަމާ ހެނދުނު 6:00 އިން ފެށިގެން މާލެ، ވިލިމާލެއާއި ހުޅުމާލޭގައި މަރުވާ މީހުން ހިނެވުމާއި ވަޅުލުމުގެ ކަންތައް ކުރިއަށްދާނީ ހުޅުމާލޭ ސަހަރާގައި ކަމަށާއި އެކަމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާކަމަށެވެ.

ޖަނާޒާއަށް ހުޅުމާލެ އަށް ގެންދެވޭ މައްޔިތުން އުފުލުމަށްޓަކައި 60 މީހުންގެ ޖާގައިގެ ދޯންޏެއް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ދޯނީގައި ޖާގަ އޮތް މިންވަރަކުން ޢާއިލާގެ މީހުންނަށް ވެސް އެ ދޯނީގައި ހުޅުމާލެއަށް ދެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މައްޔިތުން އުފުލާ ފެރީގައި ދެވޭ ވަރަށް ވުރެ ގިނައިން މީހުން ދާން ބޭނުންވެއްޖެނަމަ އެމްޓީސީސީގެ އާންމު ފެރީތަކުން ދަތުރުކުރެވޭނެއެވެ. އަދި ފެރީ މެދުކެނޑޭ ގަނޑިތަކުގައި ޢާއިލާގެ މީހުން ގެންދިއުމަށް ޚާއްސަ ފެރީއެއް އިންތިޒާމްކުރެވިފައިވެއެވެ.

މާލެއިން ހުޅުމާލެއަށް މައްޔިތުން ގެންދާ ފެރީ ފުރާނީ މަސްވެރިންގެ ޕާކު ސަރަޙައްދުންނެވެ. ހުޅުމާލޭއަށް ފެރީ ލަފާނީ އެޗްޑީސީގެ ޚާއްސަ ޖެޓީއަކަށެވެ. އަދި ސަހަރާއަށް މައްޔިތުން އުފުލުމުގެ ކަންތައްތައް ކުރިއަށް ގެންދަނީ މޯލްޑިވިއަން ރެޑް ކްރެސެންޓްގެ އެމްބިއުލާންސްގައެވެ.

ހުޅުމާލޭ ސަހާރާ އަކީ ޖާގައިގެ ގޮތުން މާލޭގެ ސަހަރާއަށްވުރެ ތަނަވަސް ސަހަރާއެކެވެ. މާލޭގެ އާސަހަރާގައި އެއްފަހާރާ ދެ މައްޔިތުން ހިނެވޭ އިރު ހުޅުމާލޭގެ ސަހަރާގައި އެއްފަހަރާ ހަތަރު މީހުން ހިނެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.