ޚަބަރު

ޖަމާޢަތްތެރިކަމުގެ ހުއްދަ ދެއްވަނީ ޤުރުއާނާއިބެހޭ މަރުކަޒުން


ކުރިން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވަމުން ގެންދެވި ޖަމާޢަތްތެރިކަމުގެ ހުއްދަ ޤުރުއާނާއި ބެހޭ މަރުކަޒުން ދެއްވާ ގޮތަށް ހަމަޖައްސަވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ޤުރުއާނާއި ބެހޭ މަރުކަޒުން ކުރިއަށް ގެންދެވި ޖަމާޢަތްތެރިން ތަމްރީނުކުރެއްވުމުގެ ކޯސް ނިންމެވުމަށް ރޭ ބޭއްވެވި ރަސްމިއްޔާތުގައެވެ.

ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ކުރިއަށް ގެންދެވި ޖަމާޢަތްތެރިކަމުގެ ކޯސް ނިންމެވުމަށް ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ޤުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ މުސްލިމަކު މަރުވެއްޖެނަމަ އެމީހެއްގެ ޖަނާޒާގައި ބައިވެރިވުމަކީ ކިފާޔަތުގެ ފަރުޟެއްއްކަމަށާއި އެއީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށެވެ. އަދި މިކަމަކީ ވަރަށް ބޮޑު އިޖުތިމާޢީ ޚިދުމަތެއްކަން އިބްރާހިމް ރަޝީދު މޫސާ ފާހަގަކުރެއްވިއެވެ.

މިކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާ ޘަވާބުގެ އިތުރަށް އަޅުގަނޑުމެންނަށް ކީރިތި ރަސޫލާގެ ޚަޟްރަތުން އެނގޭ ޖަނާޒާގައި ބައިވެރިވާ މީހަކަށް އެކަލާނގެ ދެ ޤީރާތުގެ މިންވަރުގެ ޘަވާބު ދެއްވާނޭ. މާނައަކީ ބޮޑު ދެ ފަރުބަދައާއި އެއްވަރުގެ ބަރުދަން ހުރި ޘަވާބު ދެއްވާނޭ." އިބްރާހިމް ރަޝީދު މޫސާ ވިދާޅުވިއެވެ. 

އަދުގެ ސަރުކާރުން ދީނީ ކަންކަމަށް ދެއްވާ އަޙައްމިއްޔަތުކަން ފާހަގަކުރައްވާ އިބްރާހިމް ރަޝީދު މޫސާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އަންހެން ޖަމާޢަތްތެރިއަކާއި ފިރިހެން ޖަމާޢަތްތެރިއެއް ތަމްރީނުކުރެއްވުން ކަމަށެވެ. ތިން ބުރަކަށް ބައްސަވާލައްވައިގެން ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވި މި ކޯހުގައި ފަސްދޮޅަސް ފަސް ޖަމާޢަތްތެރީން ތަމްރީނު ކުރައްވާފައިވެއެވެ. އެއީ 38 ފިރިހެން ބޭފުޅުންނާއި 27 އަންހެން ބޭފުޅުންނެވެ.

ފާއިތުވި އަހަރުވެސް ޤުރުއާން ބެހޭ މަރުކަޒުން ވަނީ ފަސްދޮޅަސް ފަސް ޖަމާޢަތްތެރިން ތަމްރީނުކުރައްވާފައެވެ. އަދި އަންނަ މަހުގެ ފަހުކޮޅުގައި ވެސް ޖަމާޢަތްތެރިން ތަމްރީނު ކުރެއްވުމުގެ އިތުރު ކޯހެއް ފަށްޓަވާނެކަމަށް އެ މަރުކަޒުން ވިދާޅުވެއެވެ.