ސިޔާސީ

ގިނަ ޢަދަދެއްގެ ކައުންސިލަރުން ޕީޕީއެމްއާ ގުޅިވަޑައިގެންފި


ރަށު ކައުންސިލްތަކުގައި އިދިކޮޅު އެމްޑީޕީ މެމްބަރުންގެ ގޮތުގައި ތިއްބެވި ގިނަ ޢަދަދެއްގެ ކައުންސިލަރުން ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ. 

މިއަދު ދާރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެއްތިރީސް ކައުންސިލް މެމްބަރަކު ޕީޕީއެމްއާ ގުޅިވަޑައިގެންފައިވެއެވެ. މީގެތެރޭގައި އެމްޑީޕީއަށް ނިޞްބަތްވާ ގިނަ ޢަދަދެއްގެ ކައުންސިލަރުންނާއި ޖުމްހޫރި ޕާޓީ، ޢާދާލަތު ޕާޓީ އަދި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެމްބަރުން ހިމެނިވަޑައިގަންނަވައެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ، ވާދަވެރި ސިޔާސީ ޕާޓީއެއްގެ ކެނޑިޑޭޓެއްގެ ގޮތުގައި ކައުންސިލް އިންތިޚާބުގައި ބައިވެރިވެއްޖެނަމަ ރަށަށް ގެންނަން ބޭނުންވާ ތަރައްޤީ ގެނަން ފަސޭހަވާނެކަމަށެވެ. އަދި ޕާޓީގެ ކުރިއެރުމާއި ތަރައްޤީއަށް އެކުވެރިކަމާއެކު ވާދަވެރި މާހޙައުލެއްގެ މެންބަރުން މަސައްކަތް ކުރެއްވުން މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/14857755835691.jpg|މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތަކުގެ އަޣުލަބިއްޔަތު، ސަރުކާރަށް ލިބިވަޑައިގަތުމަކީ ތަރައްޤީގެ މަޝްރޫޢުތައް އިތުރަށް ހަލުއިވެ އަވަސްވާނެކަމެއްކަމަށެވެ. 

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ޞިޔާދަތު ކަށަވަރުކުރެއްވުމަށްޓަކައި ބޭރުގެ ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެގެންވާ ދައުލަތެއް ބިނާކުރެއްވުމުގެ މުހިންމުކަން ބަޔާންކުރައްވައި އެކަމުގައި ސަރުކާރުގެ ވިސްނުންފުޅު ވިދާޅުވެފައެވެ.