ޚަބަރު

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި


އެޕްރީލް އަށްވަނަ ދުވަހު ބާއްވަވާ ލޯކަލް ކައުންސިލް އިންތިޚާބަށް ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވުނު ބަދަލުތައް ޢާއްމުކުރައްވައި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިމަހުގެ 15 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ޢާއްމުކުރެއްވި  ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތައް މިއަދު އިލެކްޝަންސް ކޮމިޝަނުންވަނީ  ގެޒެޓްކުރައްވާފައެވެ. 

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ އަތޮޅެއްގެ އަތޮޅު ކައުންސިލް އިދާރާތަކުންނާ ރަށްރަށުގެ ރަށު ކައުންސިލް އިދާރާތަކާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނެވެ. މާލޭގައި ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބާޖަމާލުއްދީންގައި ގާއިމްކުރައްވާފައިވާ އިންތިޚާބީ މަރުކަޒުންނެވެ. 

ލިސްޓަށް ޝަކުވާ ހުށަހަޅެމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ.