ވިޔަފާރި

1000 ފޮޓޯގްރާފަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ވަރަށް ކާމިޔާބު


1000 ފޮޓޯގްރާފަރުން ތަމްރީނުކުރެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ ޕްރޮގްރާމް ވަރަށް ކާމިޔާބުކަމަށް މިނިސްްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީޤް ވިދާޅުވީ، 1000 ފޮޓޯގްރާފަރުން ތަމްރީނުކުރެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ ޕްރޮގްރާމަށް ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށެވެ. 1000 ފޮޓޯގްރާފަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ދަށުން މިހާރުވަނީ، 350 ފޮޓޯގްރާފަރުން ތަމްރީނުކުރަން ފައްޓަވާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިވަޑައިގެން އިކޮނޮމިކް މިނިސްޓްރީން މި ޕްރޮގްރާމްތައް ކުރިއަށްގެންދަނީ، އެކި ލެވަލްތަކަށް ބަހާލައިގެންނެވެ. އެންމެ ފުރަތަމަ ކުރިއަށްގެންދަނީ ސެޓްފިކެޓް ތިނެކެވެ. އޮންލައިންކޮށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި އެޑްވާންސް ލެވެލްއަށް ތަމްރީނުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އާދަމް ތައުފީޤް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ތަމްރީން ހަދަމުންދާ ފަރާތްތަކަށް ލުއި ލޯނުގެ ދަށުން ކެމެރާ ލިބޭނޭ އިންތިޒާމް ހަމަޖައްސަވާފައެވެ. ތަމްރީން ފުރިހަމަކުރަމުންދާ ޒުވާނުންނަށް އަންނަ ފެބުރުއަރީމަހުގެ އެއްވަނަ ދުވަހު ކެމެރާތައް ހަވާލުކުރަން ފަށްޓަވާނޭކަމަށް އާދަމް ތައުފީޤް ވިދާޅުވިއެވެ.

ފޮޓޯގްރާފް ތަމްރީންތައް ހަދަމުންދާ ޒުވާނުންނަށް ލުއި ލޯނުގެ އުސޫލުން ކެމެރާ ދޫކުރައްވަނީ ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެންކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ފޮޓޯގްރާފަރުން ތަމްރީންކުރެއްވުމަށް އިކޮނޮމިކް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ މިޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވާލެވިފައެވެ.