ޤުރުއާނާއި ބެހޭ މަރުކަޒުން ފުރަތަމަ ފަހަރަށް ރާއްޖެއިން ބޭރުގައި ޤިރާއަތު ކޯހެއް ފަށްޓަވައިފިއެވެ.
ޤޫރުއާނާ ބެހޭ މަރުކަޒުން މި ކޯސް ކުރިއަށްގެންދަވަނީ ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރާއި ގުޅިވަޑައިގެނެވެ. ލަންކާގައި އެ މަރުކަޒުން ފަށްޓަވާފައިވަނީ ޤިރާއަތު ލެވެލް އެކެއްގެ ކޯހެކެވެ.
މި ކޯސް ފެށްޓެވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢީލް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި އިސްލާމީ ވަޙްދަތު ދެމެހެއްޓެވުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. މޯލްޑިވިއަން ކޮލިފިކޭޝަން އޮތޯރިޓީގެ އޮނިގަނޑުގައި ހިމެނޭ މި ކޯހުގައި 45 ބޭފުޅުން ބައިވެރިވެއެވެ. މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް ޤިރާއަތު ލެވެލް ދޭއް ހެދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ޤުރުއާނާއި ބެހޭ މަރުކަޒުން ވިދާޅުވެއެވެ. މި ކޯހުގައި ކިޔަވައިދެއްވަނީ އަލްޤާރީ އަޙުމަދު ތައުފީޤްއެވެ.
މި ރަސްމިއްޔާތުގައި ރާއްޖެއިން ލަންކާ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ ޒާހިޔާ ޒަރީރާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.