ބެލްޖިއަމުން ރާއްޖެއަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލޭޓްގެ އޮފީސް ރަސްމީގޮތުން މިއަދު ހުޅުވައިފިއެވެ.
މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތެއްގައި މި އޮފީސް ރަސްމީގޮތުން ހުޅުވައިދެއްވީ ކުރީގެ ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ. ބެލްޖިއަމްގެ ރަސްގެފާނުގެ ފަރާތުން ރާއްޖެއަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލޭޓްގެ މަޤާމަށް އިސްކުރެއްވި ޑޮކްޓަރ މަރިޔަމް ޝަކީލާއަށް ކޮންސުލޭޓް ކަމުގައި ފަތްކޮޅުވެސް މިރަސްމިއްޔާތުގައި އެރުވިއެވެ.
މި ފަތްކޮޅު ޑޮކްޓަރ ޝަކީލާއަށް އެރުއްވީ ބެލްޖިއަމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ޔެން ލުއިކްސްއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޑޮކްޓަރ ވަޙީދު ވަނީ ޑޮކްޓަރ ޝަކީލާ ރާއްޖެއަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މި ރަސްމިއްޔާތުގައި ވަނީ ރާއްޖޭގައި ހުޅުވި ބެލްޖިއަމްގެ ކޮންސުލޭޓްގެ އޮފީހާއި ގުޅިވަޑައިގެން، ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަށް ދެއްވާފައެވެ.
މިއަހަރަކީ ރާއްޖެއާއި ބެލްޖިއަމްގެ ޚާރިޖީ ގުޅުމަށް ސާޅީސް އަހަރު ފުރޭ އަހަރެވެ.