ޚަބަރު

ޕްރީސްކޫލްގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ވާހަކަ ފޮތެއް ނެރެފި


ޕްރީސްކޫލްގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ވާހަކަ ފޮތެއް ނެރެފިއެވެ.

މި ފޮތް ނެރެދެއްވީ ޕްރީސްކޫލްގެ މުދައްރިސުންނަށް ބޭއްވެވި މަސައްކަތު ބައްދަލުވުން ނިންމެވުމުގެ ރަސްމިއްޔާތުގައެވެ. "ނާނާ" ގެ ނަމުގައި އަމިއްލަ ފަރާތަކުން ތައްޔާރު ކުރި މި ފޮތް ނެރެދެއްވީ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީއެވެ. ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން މި ފޮތް ތައްޔާރު ކުރެއްވި ފާތިމަތު ލީނާ ޢަލީ ބުނީ، ކުރީޒަމާނުގައި ކުދިން ނިންދަވަން ބޭނުންކުރި ބައެއް ބަނދިތައް މި ފޮތުގައި ހިމެނޭނެ ކަމަށެވެ. އަދި މި ފޮތް ލިޔުމުގައި ތުއްތު ކުދިންނާއި ބެލެނިވެރިންގެ ޚިޔާލު ހޯދާފައިވާނެ ކަމަށް ލީނާ ބުނެއެވެ. އަދި ކުޑަކުދިންނާ ގުޅޭ އިތުރު ފޮތްތަކެއް ވަރަށް އަވަހަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށް ލީނާ ބުންޏެވެ.

"މިއީ އަޅުގަނޑުގެ ފުރަތަމަ ފޮތް. ވަރަށް ކައިރި މުސްތަޤްބަލެއްގައި މިހާރުވެސް މަސައްކަތް ނިމިފަ އިން ފޮތެއް މާކެޓަށް ނެރޭނަން. އަދި ކުޑަކުދިންގެ ކުޅޭ ސާމާނުގެ ގޮތުގައި ޕަޒްލްސް އެއްޗެއްވެސް އަންނާނެ. އެކަމަކު ބޮޑަށް އިސްކަންދެނީ ދިވެހި ބަހުގެ ޕްރޮޑަކްޓްތަކެއް މާކެޓަށް ނެރެވޭތޯ،" ލީނާ ބުންޏެވެ.