ޚަބަރު

"ތަރައްޤީއަށް ކުރައްވާ ކަންކަން ރައްޔިތުން ބަލައިގަނޭ"


ޤައުމުގެ ތަރައްގީއަށް ސަރުކާރުން ކުރައްވާ ކަންކަން ރައްޔިތުން ބަލައިގެންފައިވާކަން އަރިއަތޮޅު ދެނުނުބުރީގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެތެރެއިން ފާހަގަކުރެވުނުކަމަށް، އެންވަޔަރަންމަންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަރިއަތޮޅު ދެނުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ ތާރިގް ވިދާޅުވީ، އެއަތޮޅުގެ ރަށްރަށަށް އެންމެ ބޭނުންވެފައިވާ ކަންކަން ދެނެގަނެވިފައިވާކަމަށާއި، މިއީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށެވެ.

ރާއްޖޭގެ ރަށްރަށުގެ ޙާލަތު ދެނެގަނެ ރަށްޔިތުންގެ ކުރިއެރުމަށް ބޭނުންވެފައިވާ ކަންކަން ދެނެގަތުމަށް ރައީސުލްޖުމްޙޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ފަށްޓަވާފައިވާ މަސައްކަތްޕުޅުގެ ދަށުން، އަރިއަތޮޅު ދެކުނުބުރީގެ ރަށްރަށުގެ ކަންކަން ބަލަހައްޓަވަން ޙަވާލުކުރައްވާފައިވަނީ، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތާރިޤް އިބްރާހީމާއެވެ.

ރައީސުލް ޖުމްހޫރިއްޔާ މިފެށްޓެވި މަސަކަތްޕުޅަށް ފުރިހަމަ އެއްބަރުލެއްވުން ދެއްވައި ވަޒީރުން މިހާރުވަނީ އަތޮޅުތަކަށް ދަތުރު ފަށްޓަވައި ބައެއް އަތޮޅުތަކުގެ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ.

އަރިއަތޮޅު ދެނުނުބުރީ ހަންޏާމީދޫ، އޮމަދޫ، ކުނބުރުދޫ، މަހިބަދޫ، ދިގުރު، ދިއްދޫ، ދަނގެތި، މަންދޫ، ފެންފުށި، މާމިގިލި، މިރަށްތަކަށް ވަޑައިގަތީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތާރިޤް އިބްރާހީމެވެ.

މި ރަށްރަށަށް ވަކިވަކިން  ވަޑައިގެން، އެރަށްރަށުގެ ކައުންސިލްތަކުގެ އިދާރާތަކާއި ޞިއްޙީ މަރުކަޒުތަކާއި ސްކޫލްތަކުގެ އިސްވެރިންނާ، މިނިސްޓަރު ތާރިޤް ބައްދަލުކުރައްވިއެވެ.

ރަށްރަށުގެ ކޮމިޓީތަކާއި، ރައްޔިތުންނާ ބައްދަލުކުރައްވައި ރަށްރަށަށް ބޭނުންވެފައިވާ ކަންކަން މިނިސްޓަރު ތާރިޤް  ވަނީ އޮޅުންފިލުއްވާފައެވެ.

img:http://s2.psmnews.mv/images/660x400/14856649038333.jpg|މިނިސްޓަރު ޠާރިޤު އިބްރާހީމް އދ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މިދަތުރުފުޅާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއަތޮޅުގެ ބައެއް ރަށްރަށަކީ ވަރަށް ރަނގަޅަށް ކުނި މެނޭޖްކުރާ ރަށްތަކެއްކަމަށާއި، ރައްކާތެރި ގޮތުގައި ކުނި މެނޭޖް ކުރުމަށް މިރަށްރަށުން ދޭ ސަމާލުކަން ފާހަގަކުރެއްވުނުކަމަށެވެ. އަދި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމާއި، ބަނދަރުތަކުގެ އެކި މަސައްކަތްތައްވެސް އެ އަތޮޅުގެ ބައެއް ރަށްރަށަށް ބޭނުންވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14856649415225.jpg|މިނިސްޓަރު ޠާރިޤު އިބްރާހީމް އދ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ސިއްޙީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ސްކޫލްތަކުގެ އެކިއެކި ކަންކަން ރަނގަޅު ކުރުމަކީވެސް މިއަތޮޅުގެ ބައެއް ރަށްރަށުގައި ކުރަންޖެހިފައިވާ ކަންކަމުގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ވަރަށް ކޮމްޕްރިހެންސިވް ޓީމެއްގެ ގޮތުގައި މިދަތުރު ކުރެވިގެން މިދިޔައީ، އެހެންވީމަ ރައްޔިތުންނަށް މިދާއިރާތަކުން މައުލޫމާތުދީ، އެހެން ދާއިރާތަކުންވެސް ހޯދަން ބޭނުންވި މައުލޫމާތު ނޯޓްކޮށްގެން މާލެގެނެސް އިރާދަކުރެއްވިޔާ އެރަށްރަށުގެ ބޭފުޅުންނަށް އެމައުލޫމާތުތަށް ފޯރުވިގެންދާނެ. މީ ފެށުމެއް. އަޅުގަނޑުމެން ކުރިއަށް އޮތް ތާގައިވެސް ރަށްރަށަށްގޮސް މިހާރު ކުރެވޭ މަސައްކަތަށްވެސް ބަލާނަން." މިނިސްޓަރު ވިދާޅުވިއެވެ.

މިދަތުރު ފުޅުގައި ދެރަށެއްގެ އާންމުން އެދިގެން މިނިސްޓަރު ޠާރިޤު ވަނީ އެމީހުންނާ ވަކިން ބައްދަލުކުރައްވައި އެމީހުން ހުށަހެޅި ޝަކުވާތަށް އަޑުއައްސަވާފައެވެ. އެކަންކަން ރަށްރަށުގެ ކައުސންސިލްތަކާއި ސަރުކާރުގެ ކަމާގުޅުންހުރި ވުޒާރާތަކާ، ގުޅިގެން ކުރެވިދާނެ ގޮތްތަށް މިނިސްޓަރުވަނީ އޮޅުން ފިލުއްވައި ދެއްވާފައެވެ. އަދި ރަށްރަށަށް ގެންނަން ބޭނުންވާ ތަރައްޤީގެ ކަންކަމުގައި އެންމެހައި ރައްޔިތުން އެއްގޮތަކަށް ވިސްނެވުމަށް މިނިސްޓަރު ލަފާދެއްވިއެވެ.

img:http://s3.psmnews.mv/images/660x400/14856649749597.jpg|މިނިސްޓަރު ޠާރިޤު އިބްރާހީމް އދ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

"އަޅުގަންޑު ދަންނަވަނީ މިއީ ވަރަށް ސަކްސަސްފުލް ދަތުރެކޭ. މިއީ ރައްޔިތުން ބޭނުންވެފައި ހުރި ކަންކަން ބެލުމޭ. ޖުމްލަގޮތެއްގައި ދަންނަވާނަމް މިއަދުގެ ސަރުކާރުން ރައީސް އަބްދުﷲ ޔާމީން ތަރައްޤީއަށް ކޮށްދެއްވާ ކަންތައްތައް ރައްޔިތުން ބަލައިގެންފައިވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު.،" މިނިސްޓަރު ވިދާޅުވިއެވެ.

އެންވަޔަރަންމަންޓް މިނިސްޓަރުގެ މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ 5 މެންބަރުނާއި،  ހައުސިންގް މިނިސްޓްރީއާއި، އެހެން ބައެއް ވުޒާރާތަކުގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ ޓީމްތަކެއް ބައިވެރިވެފައިވެއެވެ.