ޚަބަރު

މިނިސްޓަރ ތާރިޤް އދ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން އެންވަޔަރަންމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް އަރިއަތޮޅު ދެކުނުބުރިއަށް ފެށްޓެވި ދަތުރުފުޅުގައި އެއަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފިއެވެ.

ރާއްޖޭގެ ރަށްރަށުގެ ހާލަތު ދެނެގަނެ ރަށްޔިތުންގެ ކުރިއެރުމަށް ބޭނުންވެފައިވާ ކަންކަން ދެނެގަތުމަށް ރައީސުލްޖުމްޙޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ފަށްޓަވާފައިވާ މަސައްކަތްޕުޅުގެ ދަށުން، އަރިއަތޮޅު ދެކުނުބުރީގެ ރަށްރަށުގެ ކަންކަން ބަލަހައްޓަވަން ޙަވާލުކުރައްވާފައިވަނީ، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ތާރިޤް އިބްރާހީމްއާއެވެ.

މިއާއެކު އެންވަޔަރަންމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް މިވަނީ، 3 ދުވަހުގެ ތެރޭގައި އދ.އަތޮޅުގެ ދިހަ ރަށަށް ވަޑައިގެން، އެރަށްރަށުގެ ކައުންސިލް އިދާރާތަކާއި ޞިއްޙީ މަރުކަޒުތަކުގެ އިތުރުން ސްކޫލްތަކުގެ އިސްވެރިންނާއި، ބައްދަލުކުރައްވާފައެވެ. އަދި ރަށްރަށުގެ ކޮމިޓީތަކާއި، ބައެއް ރައްޔިތުންނާއިވެސް މިނިސްޓަރ ބައްދަލުކުރެއްވިއެވެ. ރަށްރަށުން މައިގަނޑުގޮތެއްގައި ހުށައެޅުއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ ލަފާފުރުމުގެ ދަތިކަން ޙައްލުކޮށްދިނުމާއި، ބަނދަރުތައް މަރާމާތުކުރުމާއި، ސިއްޚީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން ސްކޫލްތަކަށް ދިމާވެފައިވާ މައްސަލަތަކެވެ. 

img:http://s4.psmnews.mv/images/660x400/14856160286105.jpg|މިނިސްޓަރ ތޯރިޤް އދ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

އެންވަޔަރަމަންޓް މިނިސްޓަރާއެކު ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރަކާއި ހައުސިންގ މިނިސްޓްރީގެ ބައެއް އިސްބޭފުޅުންނާއި ޔޫތު މިނިސްޓްރީގެ އިތުރުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ބައިވެރިވެވަޑައިގެންނެވިއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވީ، މިދަތުރުފުޅުގައި ރަށްރަށުން ފާހަގަކުރެއްވި ކަންކަން ސަރުކާރުގެ ކަމާ ގުޅުންހުރި މުޢައްސަސާތަކާއި ޙިއްސާކުރައްވައި، އޭގެތެރެއިން ކުރެވެން ހުރި މަސައްކަތްތައް ވީއެންމެ އަވަހަކަށް ފެށްޓެވުމަށާއި، އެކަންކަން ކުރެވެން ހުރި ގޮތްތައް އދ.އަތޮޅުގެ ރަށްރަށަށް އަންގަވާނެކަމަށެވެ. އެންވަޔަރަމަންޓް މިނިސްޓަރ މިދިޔަ ބުރާސްފަތި ދުވަހު އދ. އަތޮޅުގެ ހަންޏާމީދޫން ފެށްޓެވި މިދަތުރުފުޅު ނިންމަވާލައްވާފައިވަނީ، އެއަތޮޅު މާމިގިލިންނެވެ.