ހިމަބިހި ނުވަތަ މީސްލްސް އަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ، އަދި ބަލިޖެހޭ ކުޑަކުދިންގެ ފުރާނައަށް ނުރައްކާ ކުރާ ބައްޔެެކެވެ. 2000 ވަނަ އަހަރުން ފެށިގެން 2015 އާއި ދެމެދު، މިބައްޔަށް ވެކްސިން ޖަހައިގެން 20.3 މިލިއަން ކުދިންގެ ފުރާނަ ސަލާމަތްކުރެވިފައިވާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ރާއްޖޭގައި މީސްލްސް ވެކްސިން ފުރަތަމަ ދޭން ފެށީ 1981 ވަނަ އަހަރުއެވެ. އަދި 2007 ވަނަ އަހަރުން ފެށިގެން މީސްލްސް ވެކްސިން ގެ ދެވަނަ ޑޯޒެއް އެމް.އެމް.އާރް.ވެކްސިން (މީސްލްސް، މަމްޕްސް އަދި ރުބެއްލާ) ގެ ގޮތުގައި ދެވެން ފެށުނެވެ. ރާއްޖޭގައި މި ވެކްސިން ދޭން ފެށުމާއެކު ހިމަބިހި ޖެހޭ ކުދިންގެ އަދަދު ވަރަށް ބޮޑަށް ދަށް ކުރެވިފައިވާ ކަމަށް ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިބައްޔަކީ، ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން މިވަނީ މަސައްކަތްތަކެއް ފަށްޓަވާފައެވެ. އެކަމާ ގުޅޭ ގޮތުން ވަނީ ސިއްޙީ ދާއިރާގެ ފަންނީ ބޭފުޅުންނަށް އަމާޒުކުރައްވައިގެން މަސައްކަތު ބައްދަލުވުމެއް ބާއްވާފައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ޑަބްލިޔުއެޗްއޯ ގުޅިވަޑައިގެން ބޭއްވެވި މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ، ޕަބްލިކް ހެލްތް ޔުނިޓުތަކުގައާއި ހޮސްޕިޓަލްތަކުގައި ވެކްސިން ދިނުމާއި، ގައިން ގަޔަށް އަރާ ބަލިތައް ފެތުރޭ މިންވަރު ދެނެގަތުމަށް ތަފާސް ހިސާބުތައް ބެލެހެއްޓެވުމުގެ މަސައްކަތް ކުރައްވާ ފަންނީ ބޭފުޅުންނެވެ. މާލެއާ އަތޮޅުތަކުގެ ހޮސްޕިޓަލްތަކުން 46 ފަރާތަކުން މި ބައްދަލުވުމުގައި ބައިވެރިވިއެވެ.
img:http://s4.psmnews.mv/images/660x400/14859256527581.jpg|މަސައްކަތު ބައްދަލުވުން ނިންމެވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
މި ބައްދަލުވުމުގައި މަޝްވަރާކުރެއްވީ، ދުނިޔެއިން ޕޯލިއޯ ނައްތާލުމާއި ރާއްޖެއިން މީސްލްސް ނުވަތަ ހިމަބިހި ނައްތާލެވިފައިވާ ކަމަށް ކަނޑައެޅުމުގައި މަސައްކަތްތަކާއި ގުޅޭ ގޮތުންނެވެ. މިގެތެރޭގައި ވެކްސިން ދިނުމުގެ ކަންތައްތައް ކުރިޔަށްދާ ގޮތާއި، ތަފާސް ހިސާބުތައް ބަލަހައްޓަވާނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާ ކަމަށް މިއަހަރު ތެރޭގައި ކަނޑައެޅުމަށްޓަކައި ކުރެވޭ މަސައްކަތުގެ ދަށުން، ހިމަބިއްސަށް ޝައްކުކުރެވޭ އެންމެން ޓެސްޓުކުރުމާއި، ތުއްތު ކުދިންނަށް ޤަވާއިދުން ދޭންޖެހޭ މީސްލްސް ވެކްސިން ދިނުމުގެ ކަންތައްތައް ދަނީ ކުރަމުންނެެވެ.
މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ރާއްޖެއަކީ މީސްލްސް ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތްތަކެއް ކުރައްވަންޖެހިފައިވާ ކަމަށެވެ. އެގެތުން އެެއާ ގުޅޭ ތަފާސް ހިސާބުތައް އެއްކުރުމާއި، އެބަލި އަލުން މުޖުތަމައަށް އަނބުރާ އަތުވެއްޖެ ޙާލަތެއްގައި އަމަލުކުރާނެ ގޮތުގެ ނިޒާމެއް ޤާއިމްކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
img:http://s4.psmnews.mv/images/660x400/14859256189642.jpg|މަސައްކަތު ބައްދަލުވުން ނިންމެވުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ ބައިވެރިވެވަޑައިގެންނަވަނީ
މިރަސްމިއްޔާތުގައި ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ. އަރުވިންދު މާތުރު ދެއްކެވި ވާހަކަގައި، މީސްލްސް ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ދިވެހި ރާއްޖެ ކަނޑައެޅިގެންދިއުމަކީ، ރާއްޖޭގެ ސިއްޙީ ދާއިރާއަށް ލިބޭނެ ބޮޑު ކުރިއެރުމެއްކަމަށް ވިދާޅުވިއެވެ. އަދި ޑަބްލިޔުއެޗްއޯއިން އެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ޑރ. އަރުވިންދު މާތްރު ދެއްވިއެވެ.
މި ބައްދަލުވުމުގައި ދުނިޔޭއިން ޕޯލިއޯ ނައްތާލުމާއި ގުޅޭ ގޮތުންވެސް މަޝްވަރާކުރެއްވިއެވެ. ދިވެހިރާއްޖެ ހިމެނޭ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދަކީ ޕޯލިއޯ ފްރީ ނުވަތަ ޕޯލިއީ ނުފެންނަ ސަރަޙައްދެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯއިން ވަނީ ކަނޑައަޅާފައެވެ. ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ އަމާޒަކީ މުޅި ދުނިޔެއިން އެއްކޮށް ނައްތާލެވިފައިވާ ދެވަނަ ބައްޔަކަށް ޕޯލިއޯ ހެދުމެވެ. އެހެންނަމަވެސް އަދިވެސް ޕާކިސްތާން، އަފްޢާނިސްތާން އަދި ނައިޖީރިއާއިން ދަނީ ޕޯލިއޯ ޖެހިފައިވާ ކުދިން ފެންނަމުންނެވެ. މީގެ އިތުރުން ޕޯލިއޯ ފެތުރުމުގެ ނުރައްކާ އޮތް 16 ޤައުމެއް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ވަނީ ފާހަގަކޮށްފައެވެ،
މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ކޮންސަލްޓަންޓުންނާއި، ރާއްޖޭގައި ވެކްސިންދިނުމާއި ގުޅޭ ގޮތުން ލަފާ ދިނުމަށް އެކުލަވާލާފައިވާ ޓެކްޓިކަލް ކޮމިޓީގައި ހިމެނޭ ޑޮކްޓަރުންނެވެ. ދިވެހިރާއްޖެއަކީ މެލޭރިއާ / ފައިލޭރިއާ ފްރީ ޤަައުމެކެވެ.