ޚަބަރު

ޓިވެޓުން މިދިޔަ އަހަރު 1708 ދަރިވަރުން ތަމްރީނުކޮށްފައިވޭ


ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ޓްރެއިނިންގ އޮތޯރިޓީ،( ޓިވެޓް ) އިން މިދިޔަ އަހަރު ހިންގެވި އެކި ކޯސްތަކުގައި އެއްހާސް ހަތްސަތޭކައަށްވުރެ ގިނަ ދަރިވަރުން ތަމްރީނުކުރައްވާފައިވާ ކަމަށް ޓިވެޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ. 

ރާއްޖޭގެ އެކި ސިނާޢަތަށް ބޭނުންވާ ހުނަރުވެރި ޒުވާނުން ބިނާކުރެއްވުމަށް ޓިވެޓް އޮތޯރިޓީން ގެންދަވަނީ ތަފާތު ދާއިރާގެ ކޯސްތައް ހިންގަވަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަނަލް ޓްރެއިނިންގ އޮތޯރިޓީ،ޓިވެޓް ސަރުކާރުން އުފައްދަވާފައިވަނީ 2011 ގައެވެ.

ޓިވެޓް އޮތޯރިޓީން ގެންދަވަނީ ރާއްޖޭގެ އެކި ސިނާޢަތަކަށް ބޭނުންވާ ހުނަރުވެރި ޒުވާނުން ތަމްރީނުކުރައްވާ ވަޒީފާގެ ބާޒާރަށް ނެރުއްވަމުންނެވެ. މިއީ ސަރުކާރުގެ, އެއްވެސް ކުއްޖަކު ބާކީނުކުރުމުގެ ސިޔާސަތުގެ ދަށުން، ދަރިވަރުންނަށް މަސައްކަތުގެ ހުނަރާ ތަމްރީނު ދެއްވުމަށް ސަރުކާރުން ހިންގަވާ ޕްރޮގްރާމްތަކެެކެވެ.

ޓިވެޓް އޮތޯރިޓީން ތަފާތު 10 ދާއިރާއަކުން ކޯސްތައް ހިންގަވައެވެ. އެއޮތޯރިޓީން މީހުން ތަމްރީނު ކުރަމުންދާ ދާއިރާތަކުގެ ތެރޭގައި، ފޮޓޯގްރަފީއާއި ކޭޝިއަރުންނާއި ނަރުހުންނާއި އިލެކްޓްރޯނިކްސް ދާއިރާއާއި އިންޖިނިއަރިންއާއި، ފާމަރސިސްޓުންނާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޭނުންވާ އެކި ދާއިރާތަކުގެ ކޯސްތައް ހިމެނެއެވެ.

ޓިވެޓް އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓަރ އަލީ ރިޔާޒް ވިދާޅުވީ، ޓިވެޓް އޮތޯރިޓީން 2016 ވަނަ އަހަރު ހިންގި އެކި ޕްރޮގްރާމްތަކުގައި 1708 ދަރިވަރަކު ތަމްރީނު ފުރިހަމަކޮށްފައިވާ ކަމަށެވެ. މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު މަތީ އަދަދެއް ކަން ރިޔާޒް ފާހަގަކުރެއްވިއެވެ.

ޓިވެޓް އޮތޯރިޓީން 2016 ވަނަ އަހަރު ހިންގި ފާރމަސިސްޓުން ތަމްރީނުކުރުމުގެ ކޯސް 411 ދަރިވަރަކު ފުރިހަމަކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރު އެންމެ ގިނަ ދަރިވަރުން ފުރިހަމަކުރި ކޯހެވެ.

ޓިވެޓް އޮތޯރިޓީން މިއަހަރު ހިންގަވާ އެކި ކޯސްތަކުގައި 1387 ދަރިވަރަކު ތަމްރީނު ފުރިހަމަކުރަމުންދެއެވެ. އަދި މިއަހަރު އަލަށް އެއާޕޯޓު ރެޕުންގެ ގޮތުގައި މަސައްކަތްކުރާނެ މީހުންނާއި ޓޫރިޒަމް ސިނާޢަތަށް ބޭނުންވާ އެހެންވެސް ދާއިރާތަކަށް ޒުވާނުން ތަމްރީނުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ޓިވެޓް އޮތޯރިޓީން ވިދާޅުވެއެެވެ. އެއޮތޯރިޓީން ހިންގަވާ ކޯސްތަކުގައި ލެވެލް ތިނެއް އަދި ހަތަރެއް ފުރިހަމަކޮށްފައިވާ ކޮންމެ މީހަކަށް ބައިވެރިވެވޭނެއެވެ.