ޚަބަރު

މިނިސްޓަރ ޠާރިޤް މަންދުއަށާއި ފެންފުއްޓަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް އދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މަންދުއަށާއި ފެންފުއްޓަށް މިއަދު ވަޑައިގެންފިއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ވަނީ މިއަދު ހެނދުނު މަންދޫއަށް ވަޑައިގެން މަންދޫގެ ކައުންސިލާއި، މަންދޫ ސުކޫލުގެ އިތުރުން، ސިއްޚީ މަރުކަޒުގެ ވެރިންނާއި ބައްދަލު ކުރައްވައި އެފަރާތްތަކަށް ހުރި ދަތިތަށް އޮޅުން ފިލުއްވާފައެވެ. މި ބައްދަލުވުމުގައި މަންދޫގެ ރައްޔިތުންގެ ފަރާތުންވަނީ ރަށުގެ ލަފާފުރުމުގެ ދަތިކަން ޙައްލުކޮށްދެއްވުމަށް ދަންނަވާފައެވެ. އެންވަޔަރަމަންޓް މިނިސްޓަރގެ މިދަތުރުފުޅުގައި އދ. ފެންފުށީގެ މުއްސަސާތަކުގެ އިސްވެރިންނާއިވެސް މިއަދު ވަނީ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއާއި، ރައްޔިތުން ބޭނުންވާ މުހިއްމުކަންކަމާއި ގުޅޭ މަޢުލޫމާތު އޮޅުން ފިލުއްވާފައެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިހާތަނަށް އެއަތޮޅުގެ 9 ރަށަކަށް ވަޑައިގެންފައިވާއިރު، އެންމެ ފަހު ރަށެއްގެ ގޮތުގައި ވަޑައިގަންނަވާނި މާމިގިއްޔަށެވެ. އެރަށަށް މިނިސްޓަރ ތާރިޤް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.