ކުޅިވަރު

ދިވެހި ޓީމަށް މަދުވަނީ މެޗު ތަޖުރިބާ - ކޯޗު އަދީލް


ދިވެހި ޤައުމީ އަންހެން ވޮލީ ޓީމަށް މަދުވަނީ މެޗު ތަޖުރިބާކަމަށް ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނެފިއެވެ. 

އެފް.އައި.ވީ.ބީ ވިމެންސް ވަރލްޑް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފިކޭޝަންގައި އިއްޔެ ސީދާ ތިން ސެޓުން ނޭޕާލް އަތުން ބަލިވި މެޗަށްފަހު ކޯޗު ބުނީ ހަމައެކަނި މައްސަލައަކީ މެޗު ތަޖުރިބާކަމަށާއި، ޕްރެޝަރާއި ކުރިމަތި ނުލެވެނީ މެޗު ތަޖުރިބާ މަދުވުމުންކަމަށެވެ. ޓީމް އެކުގައި އެއް އަހަރު ޕްރެކްޓިސް ކުރިނަމަވެސް އެމުއްދަތުގައި ރަހުމަތްތެރިކަމުގެ މެޗެއްވެސް ކުޅެވިފައި ނެތުމުން މެޗު ތަޖުރިބާ ނެތުމުގެ މައްސަލަ ކުރިމަތިވީކަމަށް އޭނާ ބުންޏެވެ.

" މެޗު ތަޖުރިބާ ލިބިގެން މިޓީމް އަދިވެސް ރަނގަޅުވާނެ. ޕްރެޝަރ ހޭންޑްލް ނުކުރެވެނީވެސް މެޗު ތަޖުރިބާ މަދުވުމުން " މެޗަށްފަހު ބޭބެ ބުންޏެވެ.

 ކުރިއަށް އޮތް އީރާން މެޗަށް އިޝާރާތްކޮށް އަދީލް ބުނީ އެމީހުންގެ ކުޅުން ވީޑިއޯތަކުންވެސް ބަލާފައިވާކަމަށާއި، މިއަދު ނޭޕާލާ ދެކޮޅަށް ކުޅޭ މެޗުވެސް ބެލުމަށްފަހު އީރާން މެޗަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ފައިޓްކުރާނެކަމަށެވެ. ރާއްޖޭގެ ޓީމް އީރާނާ ދެކޮޅަށް ނިކުންނާނީ މާދަމާ ހަވީރުއެވެ.

މިއަދު ހަވީރު 4:45 ގައި ވާދަކުރާނީ ނޭޕާލާއި އީރާނެވެ. މިމެޗުވެސް ޔެސް ޓީވީއާއި ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ.