ޚަބަރު

މިނިސްޓަރ ތާރިޤް އދ. އަތޮޅުގެ 3 ރަށަކަށް މިއަދު ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން އެންވަޔަރަންމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު 3 ރަށަކަށް ވަޑައިގެންފިއެވެ.

މިނިސްޓަރ ތާރިޤް މިއަދު ވަޑައިގަތީ އަރިއަތޮޅު ދެކުނުބުރީ، ދިގުރަށާއި، ދިއްދޫ އަދި ދަނގެއްޗަށެވެ. އަރިއަތޮޅު ދެކުނުބުރީގެ ހުރިހާ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިތިން ރަށުގެވެސް ކައުންސިލްތަކާއި، ޞިއްޙީ މަރުކަޒުތަކާއި ސްކޫލްތަކުގެ އިސްވެރިންނާއި، އެރަށްރަށުގެ ޢާއްމު ރައްޔިތުންނާއި މިނިސްޓަރ ތާރިޤް ވަނީ ބައްދަލު ކުރައްވާފައެވެ. މިއަދު ހެނދުނު ދިގުރަށަށް ވަޑައިގަތުމަށްފަހު، މެނދުރު ފަހުގެ ވެގުތެއްގައި އެމަނިކުފާނު އދ. ދިއްދުއަށް ވަޑައިގެން އެރަށަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ތަރައްޤީގެ މަޝްރޫޢުތަކާގުޅޭ މަޢުލޫމާތު ވަނީ ސާފުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި އެންވަޔަރަންމަންޓް މިނިސްޓަރ އދ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ބައެއް ވުޒާރާތަކާއި ކުންފުނިތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއްވެސް ޙަރަކާތްތެރިވެއެވެ. މިނިސްޓަރާއި އެހެން އޮފިޝަލުން މިއަދު ދިއްދު ރަށްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު އެރަށުން އެންމެ ބޮޑަށް ބޭނުންވާ ކަންމުގެ ގޮތުގައި ހުށައެޅި، ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެއްޓެވޭނެކަމުގައި ހައުސިންގ މިނިސްޓރީގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ. އެގޮތުން، އދ. ދިއްދޫގެ ބަނދަރުގެ މަސައްކަތް ހައުސިންގ މިނިސްޓްރީގެ ދަށުން ހިންގަވާ ޕަބްލިކް ވޯކްސްގެ ފަރާތުން ކުރިއަށް ގެންދަން ތައްޔާރު ވަމުން އަންނަކަމުގައި އޭނާ ވިދާޅުވިއެވެ.

ދިއްދުއަށްފަހު މީގެ މިނިސްޓަރ ތާރިޤް ދެން ވަޑައިގަތީ އދ. ދަނގެއްޗަށެވެ. މިރޭ ދަނގެތީގެ ކައުންސިލާއި، ސްކޫލް، އަދި ސިއްޙީ މަރުކަޒުގެ އިސްވެއިންނާއި ޢާއްމު ފަރާތްތަކާވެސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެންވަޔަރަންމަންޓް މިނިސްޓަރ އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާދަމާ، މަންދުއާއި، ފެންފުށްޓާއި، މާމިނގިއްޔަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.