ކުޅިވަރު

ވެލެންސިޔާއަށް ނައިޖީރިޔާގެ މިޑްފީލްޑަރެއް


ކްލަބް ވެލެންސިޔާއިން ނައިޖީރިޔާގެ މިޑްފީލްޑަރެއް ގެނެސްފިއެވެ.

ނައިޖީރިޔާގެ 25 އަހަރުގެ ޕްރިންސް ވަނީ މިއަދު ޓީމްގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. މިއަދު އޮތް ފަރިތަކުރުންތަކުގެ ތެރެއިން ވެލެންސިޔާގެ ސްކޮޑްގެ ކުޅުންތެރިން ދެޓީމަށް ބަހާލައިގެން ކުޅުނު މެޗުގައި ޓީމްގެ ސީނިއަރ ކުޅުންތެރިންނާއެކު ޕްރިންސް ކުޅުނީ މިދިޔަ ސީޒަންގައިވެސް ވެލެންސިޔާއަށް ކުޅުނު ނައިޖީރިޔާގެ ކަކާއާއެކު މެދުތެރެއަށެވެ. މިދިޔަ އަހަރު ވިކްޓްރީގެ ކުރިޔަށް ކުޅުނު ގޮޑްފްރޭ ވެސްޓްވެސް ވަނީ ވެލެންސިޔާގެ ފަރިތަކުރުން ތަކުގައި މިއަދު ބައިވެރިވެފައެވެ. 

އަލަށް ގުޅުނު ކުޅުންތެރިޔާއާއި ގުޅޭގޮތުން ކޯޗު މުޙައްމަދު އިޤްބާލް ބުނީ ފެންނަ ފެނުމަށް ރަނގަޅުކަމަށާއި، ރަނގަޅުވާނެކަމަށް އުއްމީދުކުރާކަމަށެވެ. އޭނާ ބޮޑަށް ބޭނުންކުރާނީ ސެންޓަރ ފޯވާޑްގެ ފަހަތުންކަމަށްވެސް އިޤްބާލް ބުންޏެވެ.

ނިމިގެންދިޔަ ސީޒަނަށްވުރެ ޓީމް މިހާރު ވަރުގަދަކޮށް ފެންނަކަމަށްވެސް އިޤްބާލް ބުންޏެވެ. ޚާއްސަކޮށް ބިދޭސީ ކުޅުންތެރިން ޓީމާ ގުޅުމުން ޓީމަށް އިތުރު ފުރިހަމަކަމެއް ލިބިއްޖެ ކަމަށެވެ. ޓީމް ދޫކޮށްދިޔަ ކުޅުންތެރިން ކުޅުނު މަޤާމްތައް ފޫބައްދާނެ ކުޅުންތެރިން ވެލެންސިޔާގައި އެބަތިބި ކަމަށް އިޤްބާލް ބުންޏެވެ. ނަމަވެސް އޭއެފްސީކަޕްގެ ޕްރިލިމިނަރީ ރައުންޑްގެ ފުރަތަމަ ލެގުގެ މެޗަށް ޓީމް ތައްޔާރުވާންފެށީ އެންމެ އެކަށީގެންވާ ވަގުތުގައި ނޫންކަމަށާއި އުއްމީދަކީ ދެލެގްވެސް ކާމިޔާބުކޮށް އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖްގައި ކުޅުމުގެ ފުރުޞަތު ވެލެންސިޔާއަށް ލިބުން ކަމަށް އިޤްބާލް ބުންޏެވެ.

img:http://s4.psmnews.mv/images/660x400/14854387525366.jpg|މިއަދު އޮތް ވެލެންސިޔާގެ ފަރިތަކުރުންތަކުގެ ތެރެއިން: ފޮޓޯ-ޕީއެސްއެމް

" ކުޅުންތެރިންގެ ރޫޙު ވަރަށް ވަރުގަދަ. ޓީމްގެ ފަރިތަކުރުންތަކުން ކުޅުންތެރިންގެ ރޫޙު މިހާރުވެސް އެބަފެނޭ. މިކަން ކުރަން ކުޅުންތެރިން ބޭނުންވެފަތިބި މިންވަރު. ބިދޭސީ ކުޅުންތެރިން ޓީމާ ގުޅި ސްކޮޑް ފުރިހަމަވުމުން ރަނގަޅު ފަރިތަކުރުންތަކެއް ކުރިޔަށް ގެންދެވޭނެ ކަމަށް މިބަލަނީ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. ސަޕޯޓަރުންގެ ތަރުޙީބަކީ މިވަގުތު ވެލެންސިޔާއަށް އެންމެ މުހިންމު އެއްބައި. ޚާއްސަކޮށް އަންނަމަހުގެ ހަތްވަނަދުވަހު ގަލޮޅު ދަނޑުގައި ކުޅޭ މެޗަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށްވަދެ، ވެލެންސިޔާއަށް ހިތްވަރު ދިނުމަކީ ކްލަބްގެ ވަރަށްބޮޑު އެދުމެއް. " ކޯޗެއްގެ އިތުރުން ވެލެންސިޔާގެ ގޯލް ކީޕަރުން ތަމްރީނު ކުރަމުން އަންނަ އިޤްބާލް ބުންޏެވެ.

 ކްލަބް ވެލެންސިޔާ އާސީޒަނަށް ތައްޔާރުވާއިރު ޓީމްގައި ތިބި ސީނިއަރ ކުޅުންތެރިންނަކީ ޤައުމީ ޓީމްގެ ކުރީގެ ޑިފެންޑަރ މުޙައްމަދު ޝިފާން، ޝާފިއު އަޙްމަދު، ކީޕަރު ފައިސަލްއެވެ. މީގެއިތުރުން ކްލަބްގައި މިދިޔަ އަހަރުވެސް ތިބި ގިނަ ކުޅުންތެރިން ކްލަބްގައި ވަނީ މަޑުކޮށްފައެވެ. ކުރިން ގްރީން ސްޓްރީޓުން ފެންނާނެ އަޑު ފެތުރުނު ނިއުއާއި ވިކްޓްރީގެ އިތުރުން މާޒިޔާއަށްވެސް ކުޅުނު އަޙްމަދު މުޙައްމަދު (އައްމަޑޭ) ވެސް ފެންނަނީ ވެލެންސިޔާއިންނެވެ. ވެލެންސިޔާ ދޫކޮށްދިޔަ މުހިންމު ކުޅުންތެރިންގެ ތެރޭގައި ނިއުރޭޑިއަންޓަށް ސޮއިކުރި ޑިފެންޑަރ އަކްރަމް ޢަބްދުލްޣަނީއާއި ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް މިޑްފިލްޑަރ މުޙައްމަދު އާރިފް ބަކާއާއި ހަސަން އަދުހަމް ހިމެނެއެވެ.