ވިޔަފާރި

އެމްޓީސީސީގެ ފެރީތަކުގެ ފަރުމާއަށް ބަދަލުތަކެއް ގެންނަނީ


އަތޮޅުތެރެއަށް ދެމުންގެންދާ ފެރީގެ ޚިދުމަތުގައި ބޭނުންކުރާ ފެރީތަކުގެ ފަރުމާއަށް ބަދަލުތަކެއް ގެނެސް، ފެރީގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް އެމްޓީސީސީން ނިންމައިފިއެވެ.

ހއ، ހދ، ށ، ނ، ރ، ބ، ޅ، ކ، އއ، އދ، ވ، ތ، ލ އަދި ގއ، ގދ ގެ ރަށްތަކަށް ފެރީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ޙަވާލުކުރައްވާފައި ވަނީ އެމްޓީސީސީއާއެވެ. މި ޙިދުމަތަކީ އާއްމުންނަށް ބޭނުންކުރަން ފަސޭހަ ޙިދުމަތަކަށް ހެދުމުގެ ގޮތުން ، މިޚިދުމަތް މިހާރު ދެމުން އަންނަ ނިޒާމަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އެކުންފުނިން ވަނީ ފަށާފައެވެ. އެގޮތުން ދުވެލީގެ ގޮތުން ހަލުވި ފައިބަރ ފެރީތަކެއް ތަޢާރަފް ކުރުމަށްޓަކައި، ފެރީތައް ފަރުމާކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެމްޓީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި އައު ފެރީތައް ތަޢާރަފު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ފިޔަވަހި ތަކަކަށް ބަހާލައިގެންނެވެ. އަދި މި މަޝްރޫއު ނިމޭއިރު، އެމްޓީސީސީން ފެރީގެ ޙިދުމަތް ދޭ ހުރިހާ ހިސާބަކަށް ފައިބަރ ފެރީތައް ތައާރަފު ކުރެވިގެންދާނެ ކަމަށް އެމްޓީސީސީގެ ޓްރާންސްޕޯޓް ޑިވިޝަންގެ ޖެނެރަލް މެނޭޖަރ އިބްރާހީމް ލަތީފް ވިދާޅުވިއެވެ.

"ފެރީ ޙިދުމަތް ބަދަލުކުރުމަކީ ވަރަށް ބޮޑު އިންވެސްޓްމަންޓެއް، އިންވެސްޓްމަންޓް ބަހާލައިގެން އަޅުގަނޑުމެން ކުރިއަށް ގެންދާނީ، އެއްފަހަރާ ހުރިހާ ފެރީތައް ބަދަލުކުރުމުގެ ބަދަލުގައި ފޭސްތަކަކަށް ބަހާލައިގެން ފެރީތައް އިތުރުކުރަމުންދާނީ،" އިބްރާހީމް ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ އެމްޓީސީސީން އެންމެ ބޮޑު އިސްކަމެއް ދޭނީ ދުވިލި ބާރު އަދި ފަސެންޖަރުންނަށް ފަސޭހަ ފެރީތަކެއް ތައާރަފް ކުރުމަށެވެ.

"މީގެ އަޅުގަނޑުމެން އިސްކަމެއްދޭ 3 ފެކްޓަރއެއް އެބައިން، ފުރަތަމަ ކަމަކީ ރާއްޖޭގެ މާހައުލާއި ގުޅުން، އެއީ ރާއްޖޭގެ ކަނޑުތަކާއި ރާއްޖޭގެ ބަނދަރުތަކަކީ ބޭރު ޤައުމުތަކުގެ ބަނދަރުތަކާއި ތަފާތު. ދެވަނައަށް އެންމެ ބޮޑު އިސްކަމެއް މި ދެނީ ކޮންވީނިއެންސްއަށް، އާއްމުގޮތެއްގައި އެންމެ ބޮޑު ޝަކުވާއެއް އަންނަނީ ފެރީތަކުގެ ވެންޓިލޭޝަން ސިސްޓަމް އަދި ސީޓިންގ ސިސްޓަމާއި ގުޅޭގޮތުން އެއީ އަޅުގަނޑުމެން އިމްޕްރޫވްކުރަން ވިސްނާ ކަމެއް. ތިންވަނަ ކަމަކީ ސްޕީޑް. ސްޕީޑް ވަރަށް ބޮޑަށް ބަރޯސާވޭ އަގަށް. އަޅުގަނޑުމެން މި ބަލަނީ ސްޕީޑާއި އަގާއި ބެލެންސް ކުރެވޭތޯ" ލަތީފް ވިދާޅުވިއެވެ.

އެމްޓީސީސީގެ އައު ފެރީތައް މިއަހަރުތެރޭ ތައާރަފު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ހާމަކުރެއެވެ.