ކުޅިވަރު

ބޯލްޓް އަތުން އޮލިމްޕިކް ރަން މެޑެއްޔެއް ނަގައިފި


ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ، އުސެއިން ބޯލްޓްއަށް ލިބިފައިވާ އޮލިމްޕިކް ރަން މެޑެއްޔެއް އޭނާ އަތުން ނަގައިފިއެވެ.

 ބޯލްޓް އަށް ލިބިފައިވާ ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ނެގީ އޭނާޔާއެކު ޖެމެއިކާ ރިލޭ ޓީމުގައި ދުވި ނެސްޓާ ކާޓަރ ދެހާސް އަށެއްގެ ބެއިޖިން އޮލިމްޕިކްސްގައި މަނާ ބޭސް ބޭނުންކޮށްފައިވާކަމަށް ޕޮޒިޓިވް ވުމުންނެވެ. އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމެޓީން އިއްޔެ ބުނެފައިވަނީ ކާޓަރ ދެހާސް އަށެއްގައި، މަނާ ބޭހެއްކަމަށްވާ މެތީލެކްސަނީމައިން ބޭނުންކޮށްފައިވާކަމަށެވެ.

އެހެންކަމުން ޖެމެއިކާގެ ޓިމަށް ލިބިފައިވާ ރަން މެޑަލް ނެގުމުން މިހާރު އެ އިވެންޓުން ރަން މެޑަލް ލިބިފައިވަނީ ޓްރިނިޑާޑް އެންޑް ޓޮބާގޯއަށެވެ. ޖަޕާނަށް ރިހި މެޑަލް ލިބޭއިރު، ހަތަރުވަނައިގައި ނިންމި ބްރެޒިލްއަށް ލޯ މެޑަލް ލިބިގެންދާނެއެވެ.