ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގެ ސަލާމަތާ ރައްކާތެރިކަން ހުރި މިންވަރު


ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ސަލާމަތާއި، ރައްކާތެރިކަން އޮތީ ވަރަށް ރަނގަޅު ފެންވަރެއްގައިކަން، ޓެރަރިޒަމަށް ހޭލުންތެރި ކުރުވުމުގެ މަސައްކަތު ބައްދަލުވުމުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢަށް އަންގައިދެވިއްޖެކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ. ޕޮލިސް ސަރވިސްއިން މިހެން ވިދާޅުވީ ކައުންޓަރ ޓެރަރިޒަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތައް ހޭލުންތެރި ކުރެއްވުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވެވި މަސައްކަތު ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ޕީ.އެސް.އެމްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އިނގިރޭސިވިލާތުގެ މެޓްރޮޕޮލިޓަން ފޮލިސްގެ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓް އަދި ޓޫރިޒަމް މިނިސްޓްރީއާއި ހޯމް މިނިސްޓްރީ ގުޅިވަޑައިގެން، ކައުންޓަރ ޓެރަރިޒަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތައް ހޭލުންތެރި ކުރުވުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަސައްކަތު ބައްދަލުވުމެއްގައި ޓެރަރިޒަމް ނައްތާލުމަށް ކަމާބެހޭ ފަރާތްތަކުން އެޅިދާނެ ފިޔަވަޅުތަކާއި، ސަމާލުވާންވީ ކަންކަމާ ގުޅޭ މަޢުލޫމާތު ދެއްވައި، ކަމުގެ ބޭރުގެ ތަޖުރިބާކާރުންނާއެކު ދިމާވެދާނެ މައްސަލަތައް ޙައްލުކުރެއްވުމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ. ފަތުރުވެރިކަމުގެ ސިނާޢަތަށް ޓެރަރިޒަމްގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކާއި ގުޅޭގޮތުން ޚާއްޞަ ކުރެއްވި މި މަސައްކަތު ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢަލީ ވިދާޅުވީ، ދުނިޔޭގައި ހިނގަމުންދާ ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމުގެ ޢަމަލުތައް ތަޖުރިބާ ކުރައްވާފައިވާ އެކްސްޕާޓުންގެ ޚިޔާލުތަކާއި، އެކަންކަމުގެ މަޢުލޫމާތު މަސައްކަތު ބައްދަލުވުމުގައި ޙިއްޞާ ކުރެވުނު ކަމަށެވެ. އަދި ރާއްޖޭގެ ކަމާގުޅުންހުރި ފަރާތްތަކާއެކު މުހިއްމު މަޢުލޫމާތުތަކެއް ޙިއްޞާ ކުރެއްވި، މަސައްކަތު ބައްދަލުވުން ނިމިގެންދިޔައީ ވަރަށް ފައިދާކުރުވަނިވި ޙަރަކާތެއްގެ ގޮތުގައިކަން އަޙްމަދު ޢަލީ ވިދާޅުވިއެވެ. މިއާއެކު ރާއްޖެ އަންނަ ފަތުރުވެރިންނަށާއި މުޅި ދުނިޔެއަށްވެސް ރާއްޖެއަކީ ސަލާމަތީ ގޮތުން ކިހާ ރައްކާތެރި ތަނެއްކަން ހާމަވިކަމަށް އޭނަ ވިދާޅުވިއެވެ.

"އިންޓަނޭޝަނަލް ކޮމިއުނިޓީއަށް ވަރަށް ރަނގަޅު މެސެޖެއް ދެވިގެން މިދިޔައީ.. އަޅުގަނޑުމެންގެ ސެކިއުރިޓީ ދާއިރާގެ ތެރެއިން މި ސިނާޢަތު ސެކިއުރިޓީ އޮތީ ވަރަށް ރަނގަޅަށް ރައްކާތެރިކޮށް ކަމުގެ ޔަޤީންކަން މިދެވުނީ އިންޓަނޭޝަނަލް ކޮމިއުނިޓީއަށް." އަޙްމަދު ޢަލީ ވިދާޅުވިއެވެ.

މަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތު ދެއްވި އިނގިރޭސިވިލާތުގެ މެޓްރޮޕޮލިޓަން ފޮލިސްގެ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓްގެ ޑިޓެކްޓިވް ޗީފް އިންސްޕެކްޓަރ ޖޭމްސް ކޮންސްޓަބަލް ވިދާޅުވީ، އިނގިރޭސިވިލާތުގެ އެތައް ފަތުރުވެރިންނެއް ކޮންމެ އަހަރަކުވެސް ރާއްޖެއަށް ޒިޔާރަތްކުރާއިރު، ދެޤައުމު ގުޅިގެން ބޭއްވެވި މި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި، ޚާއްޞަކޮށް، ޓޫރިސްޓް ރިޒޯޓްތަކުގެ ސެކިއުރިޓީ ދާއިރާގެ އިސްފަރާތްތަކާއެކު ބިނާކުރުވަނިވި މުހިއްމު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އޭނާ ސިފަކުރެވީ މިއީ ކާމިޔާބު މަސައްކަތެއްގެ ގޮތުގައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އަދި މިހާތަނަށް ޓެރަރިޒަމްގެ ޙާދިސާއެއް ހިނގާފައި ނުވިނަމަވެސް ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ މިހާބޮޑަށް ކުރިއަރާފައިވާއިރު، ޓެރަރިޒަމް ފަދަ ކަމަކާގުޅޭ މަޢުލޫމާތު ފަތުރުވެރިކަމުގެ ދާއިރާގެ ކަމާގުޅުން ހުރި ފަރާތްތަކަށް ލިބިފައިވުމަކީ ވަރަށް މިހިއްމު ކަމެއްގެ ގޮތުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ފާހަގަކުރައްވައެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުގައި ސެކިއުރިޓީ މެނޭޖަރުންގެ ގޮތުގައި މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވިދާޅުވީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްނެންގެވުމާއެކު ބޭއްވިގެން ދިޔަ މި މަސައްކަތު ބައްދަލުވުމުގެ ސަބަބުން ޙާދިސާއެއް ހިނގައިފިނަމަ ހުރިހާ ރިޒޯތްތައް ގުޅިގެން ކަންކަން ޙައްލުކުރާނެ ގޮތް އެނގުނު ކަމަށެވެ.

ދެދުވަހުގެ މި ބައްދަލުވުމުގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ރިޒޯޓްގެ ސެކިއުރިޓީ މެނޭޖަރުންނާއި، އެދާއިރާގެ ސިޕަވައިޒަރުން ބައިވެރިކުރެއްވިއެވެ.