ކުޅިވަރު

މިއަހަރު 4000 ކުދިން ތަމްރީން ކުރެވޭނެ - ބެޑްމިންޓަން


މިއަހަރު ނިމެންވާއިރަށް ބެޑްމިންޓަންގެ ވައިޑީޕީ ޕްރޮގްރާމުން މަދުވެގެން ހަތަރު ހާހެއްހާ ކުދިން ތަމްރީން ކުރަން ބެޑްމިންޓަން އެސޯސިއޭޝަނުން އަމާޒު ހިފައިފިއެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން މިހާރުވަނީ މާލޭގެ ބައެއް ސްކޫލްތަކުގައި ވައިޑީޕީ ޕްރޮގްރާމްތަށް ފަށާފައެވެ.

ބައިނަލްއަޤްވާމީ މުބާރާތްތަކުން ރަން މެޑަލް ހޯދުމަށް އަޒުމް ކަނޑައަޅާ، ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ މުޅި ރާއްޖޭގައި ވައިޑީޕީ ޕްރޮގްރާމްތައް ހިންގުމަށް ނިންމާފައެވެ. އެސޯސިއޭޝަންގެ ނައިބް ރައީސް އަހުމަދު ޝާކިރު ވިދާޅުވީ މުޅި ރާއްޖޭގައި ވައިޑީޕީ ޕްރޮގްރާމްތައް ހިންގުމަކީ ކުޑަކަމެއް ނޫންކަމަށެވެ. މިއީ ވަރަށް ފަރުވާތެރިކަމާއެކު ކުރަންޖެހޭ މަސައްކަތެެއްކަމަށާއި، މިއަހަރުން ފެށިގެން ވައިޑީޕީގެ ހުރިހާކަމެއްވެސް ހިނގާނީ އެސޯސިއޭޝަންގެ ނައިބް ރައީސް އަދި އެކްސްކޯ މެންބަރުންގެ ބެލުމުގެ ދަށުންކަމަށެވެ. ކުރިންވެސް އަތޮޅު ތެރޭގައި ވައިޑީޕީތައް ހިންގަމުންދިޔަކަމަށާއި، ނަމަވެސް ބައެއް ކަހަލަ ސަބަބުތަކާ ހުރެ އެޕްރޮގްރާމްތައް މަޑުޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ކުރިން ހިންގުނު ވައިޑީޕީ ޕްރޮގްރާމްގެ ދަށުން ގިނަ ކުޅުންތެރިންތަކެއް އޭރު ޤައުމީ ޓީމްތަކައް އަރަމުންދިޔަކަން ޝާކިރު ފާހަގަކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/14853275504944.jpg|ނ.އަތޮޅުގައި ކުރިއަށްދިޔަ ވައިޑީޕީ ޕްރޮގްރާމްގެ ތެރެއިން (ފޮޓޯ:ބެޑްމިންޓަން އެސޯސިއޭޝަން)

"އަޅުގަނޑުމެން މިހާރު އަމާޒު މިކުރީ މުޅި ރާއްޖެއަށް ވައިޑީޕީ ގެންދަން. ވައިޑީޕީ ކުރިއަށްދާނީ މިކަމަށް އެދި ހުށައަޅާފައިވާ ފަރާތްތަކުގެ ތަރުތީބުން. މިހާރުވަނީ އައްޑޫގަ ވައިޑީޕީ ޕްރޮގްތައް ފަށާފަ. ވައިޑީޕީ ޕްރޮގްރާމްތައް ރާއްޖެ ތެރޭގައި ފެށުމުގެ އެންމެ ބޮޑު މަގުސަދަކީ ގައުމީ ޓީމަށް ގިނަ ކުޅުންތެރިންތަކެއް އިތުރު ކުރުން. ކުރިން ވައިޑީޕީތައް ފެށިގެން އައިސް ބީޑީސީތަކެއް ހެދިގެން، ގިނަ ކުޅުންތެރިންތަކެއް ތަމްރީންވެގެންދިޔަ." ޝާކިރު ވިދާޅުވިއެވެ.

ޝާކިރު ވިދާޅުވީ ވައިޑީޕީ ކުރީގައި ހިންގިއިރު، އޭގެ ފައިދާ ޤައުމީ ސީނިއަރ ޓީމަށާއި، ޖޫނިއަރ ޓީމްތަކަށްވެސް ކުރިކަމަށެވެ. ނަމަވެސް މިހާރު އަތޮޅު ތެރޭގެ ބައިވެރިވުން ކުރިއަށް ވުރެ ބޮޑަށް މަޑުޖެހިފައިވާކަމަށާއި، މިއަހަރުން ފެށިގެން އަތޮޅު ތެރޭގެ ބައިވެރިވުން އިތުރު ކުރަންޖެހިފައިވާކަމަށް ޝާކިރު ވިދާޅުވިއެވެ. މުޅި ރާއްޖޭގައި ވައިޑީޕީ ހިންގުމަކީ ވަރަށް ބޮޑު މަސައްކަތެއްކަމަށާއި، އެކަމުގައި ބެޑްމިންޓަން އެސޯސިއޭޝަންގެ މިހާރުގެ އެކްސްކޯ މެންބަރުންގެ ދައުރު ވަރަށް ބޮޑުކަމަށްވެސް ބެޑްމިންޓަން އެސޯސިއޭޝަންގެ ނައިބް ރައީސް އަހުމަދު ޝާކިރު މޫސާ ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14853276100359.jpg|މ.އަތޮޅުގައި ކުރިއަށްދިޔަ ވައިޑީޕީ ޕްރޮގްރާމްގެ ތެރެއިން (ފޮޓޯ:ބެޑްމިންޓަން އެސޯސިއޭޝަން)

"ހަތަރު ހާސް ކުދިން އަޅުގަނޑުމެންނަށް ތަމްރީން ކުރެވޭނެ، އެއީ އަމާޒަކީވެސް. އަޅުގަނޑުމެންނަށް މިކަންތައްތައްވާނެކަމުގެ ޔަޤީންކަން އެބައޮތް. ކުރިއާ ހިލާފަށް އަލަށް އިންތިހާބުވި އެކްސްކޯގެ މެންބަރުންނަކީ އެއްވެސް ހާލެއްގައި ފަހަތަށް ޖެހޭނެ ބައެއްނޫން. އަދި އެބޭފުޅުން ތިބީ އަޅުގަނޑުމެންގެ ފަހަތުގަ. ތޭރަ އަތޮޅުގައި އޮންނަ ތޭރަ ބީޑީސީއިން ކޮންމެ އަތޮޅަކުން މަދުވެގެން ދުއިސައްތައެއްހާ ކުދިން ތަމްރީން ކުރާގޮތަށް، އަދި މާލެއިން މަދުވެގެން ހާހެއްހާ ކުދިން ތަމްރީން ކުރާގޮތަށް މިހާރު ވިސްނުންހުރީ. ބީޑީސީތައް ނެތް އަތޮޅު ތަކުގައިވެސް މިއަހަރު އެމަސައްކަތް ފެށިގެންދާނެ." ޝާކިރު ވިދާޅުވިއެވެ.

ކުރިންވެސް ބެޑްމިންޓަންގެ ވައިޑީޕީ ޕްރޮގްރާމްތައް އެކި ފަރާތްތަކުން އައީ ހިންގަމުންނެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު އާންމު ފަރާތްތަކުން ހިންގާ ވައިޑީޕީތައްވެސް ކުރިއަށްދާނީ އެސޯސިއޭޝަންގެ ބެލުމުގެ ދަށުންކަމަށް މޫސާ ޝާކިރު ވިދާޅުވިއެވެ.