ޚަބަރު

ޙައްޖު ކޯޕަރޭޝަނުގެ އޮންލައިން ޕޯޓަލް އިފްތިތާޙް ކުރައްވައިފި


މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮންލައިން ޕޯޓަލް "ފަހެލި" އިފްތިތާޙް ކުރައްވައިފިއެވެ. 

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވި ޚާއްސަ ރަސްމިޔާތެއްގައި "ފަހެލި" އިފްތިތާޙްކޮސްދެއްވީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދެވެ.

"ފަހެލި" ޕޯޓަލްއަކީ، ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ހުރެގެންވެސް ޙައްޖުކޯޕަރޭޝަނުގެ ޚިދުމަތްތައް އިތުބާރާއި ފަސޭހަކަމާއެކު ހޯދޭނެ މަގުތަނަވަސްކޮށްދީ، އެ ކޯޕަރޭޝަނުން ދެއްވާ ޚިދުމަތް އިތުރަށް ފުޅާކުރެއްވުމަށް މުޅިން އަލަށް ތަޢާރަފް ކުރެއްވި އޮންލައިން ޚިދުމަތެކެވެ.

މިއަދުގެ ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ.އަޙްމަދު ޒިޔާދު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް އުފައްދަވާފައިވާ އިދާރާތަކުން ވީހާވެސް ފަސޭހަ އިން ޚިދުމަތް ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސަވަމުން ގެންދަވާކަމަށެވެ. އަދި ޙައްޖު ކޯޕަރޭޝަނުންވެސް މިވީ ތިން އަހަރުދުވަހުގެ ތެރޭގައި ގިނަ ޚިދުމަތްތަކެއް ތައާރަފްކޮށް ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްދޭ ވަޞީލަތްތަށް ޤާއިމް ކުރަމުން ދާކަމަށް މިނިސްޓަރު ވިދާޅުވި.

img:http://s3.psmnews.mv/images/660x400/14853294596171.jpg|މިއަދުގެ ރަސްމިޔާތުގައި މިނިސްޓަރ، ޑރ.އަޙުމަދު ޒިޔާދު ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

" ރާއްޖޭގެ ޙައްޖާބެހޭ މުވައްސަސާއިން މިފަދަ ކަމެއް މިކުރީ ޙަޤީޤަތުގައި އަޅުގަނޑުމެންނަށް އިވޭ އަޑުތަކާއި، ފެންނަ  މަންޒަރުތަކަށްބަލާއިރު، އިރާދަކުރެއްވިއްޔާ މި މަތިވެރި މާތް މަގުސަދުގައި ކުރެވުނު މަސައްކަތުން އަޅުގަނޑުމެއްނަށް ރައްޔިތުން ކުރާ އިތުބާރު ބޮޑު ވެގެންދާނެ" ޑރ.ޒިޠާދު ވިދާޅުވިއެވެ. 

ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޔާމިން އިދުރީސް މިއަދު ވިދާޅުވީ، ޚިދުމަތް ލިބިގަތުމަށް ސީދާ އޮފީހަށް އައުމުގެ ބަދަލުގައި ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް އެކޯޕަރޭޝަނުން ދެއްވާ ހުރިހާ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދެއްވުމަކީ މިފަދަ ޕޯޓަލްއެއް އިފްތިތާޙްކުރެއްވުމުގެ މައިގަނޑު މަޤުސަދުކަމަށެވެ.

" ފަހެލި ޕޯޓަލް މެދުވެރިކޮށް،  ރަޖިސްޓްރީވުމާއި، ފައިސާ ދެއްކުމާއި ކޯޕަރޭޝަނުން އިންތިޒާމްކުރާ ޙައްޖާއި، ޢުމްރާ ދަތުރުތަކާއި ބެހޭ އެންމެހާ ތަފްސީލްތައް އޮންލައިންކޮށް، ހޯއްދެވޭނެ. މީގެ ތެރޭގައި ދަތުރުގެ ތާރީޚާއި، އިދާރީ، އިންތިޒާމްތަކާއި ބެހޭ މަޢުލޫމާތު ވެސް ހިމެނޭ." ޔާމީން އިދުރީސް ވިދާޅުވިއެވެ. 

ވޭތުވެދިޔަ 3 އަހަރުދުބަހުގެ ތެރޭގައި ޙައްޖުކޯޕަރޭޝަނުގެ ބެލުމުގެ ދަށުން 2800 އެއްހައި މީހުން ޙައްޖުގެ އަޅުކަން އަދާކުރައްވާފައިވެއެވެ. މީގެއިތުރުން ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނަށް ތަޢާރަފްކޮށްފައިވާ ޙައްޖު ސްކީމްގައި 37 މުވައްސަސާއަކުން ވަނީ ބައިވެރިވެފައެވެ.

ކުރިއަށް އޮތްތަނުގައިވެސް ޙައްޖާއި، ޢުމްރާގެ އަޅުކަން އަދާކުރުމާއި، އެ ކޯޕަރޭޝަނުން ތަޢާރަފްކުރައްވާފައިވާ އެހެނިހެން ޚިދުމަތްތަށް އިތުބާރާއި ފަސޭހަކަމާއެކު ފޯރުކޮށްދީ ފުޅާކުރެއްވުމަށް ޒަމަނީ އިތުރު ގޮތްތަށް ތަޢާރަފްކުރައްވާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ.