ކުޅިވަރު

އަންނަ މަހު ކުލަބްތަކަށް 16 މިލިއަން ރުފިޔާ ދޫކުރެވޭނެ - އެފްއޭ


އަންނަ މަހު ފުރަތަމަ ޑިވިޝަންގެ ކުލަބްތަކަށް ފައިސާ ދޫކުރަން ފަށާނެކަމަށް އެފްއޭއެމްއިން ބުނެފިއެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެންމެ ބޮޑު އެއް ވައުދަކަށް ވެފައިވަނީ ކުލަބްތަކުގެ މާލީ ފުދުންތެރިކަން އިތުރުކޮށްދިނުމެވެ. 

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކުންފުނިތަކާ ގުޅިގެން ކުލަބްތަކަށް ފައިސާ ދޫކުރުމުގެ ނިޒާމެއް ޤާއިމްކޮށް، ކުންފުނިތަކާއެކު މަޝްވަރާ ކުރަމުންދާކަމަށެވެ. ކުންފުނިތަކާއެކު މަޝްވަރާ ކުރުމަށްފަހު، އަންނަ މަހުގެ ތެރޭގައި އެފަރާތްތަކާއެކު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ހަމަޖެހިފަކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި ސޮއި ކުރުމަށްފަހު ކުލަބްތަކަށް ފައިސާ ދޫކުރުމުގެ ކަންތައްތައް ހަމަޖެހިގެންދާނެކަމަށެވެ. ބައްސާމް ވިދާޅުވީ މާލޭ ލީގުގެ ކޮންމެ ކުލަބަކަށް 2 މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. ޕްރިމިއރ ލީގަށް ކޮލިފައިވާ 4 ކުލަބްގެ ތެރެއިން ކޮންމެ ކުލަބަކަށް އިތުރު 1 މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް ބައްސާމް ވިދާޅުވިއެވެ. އަތޮޅު ތެރެއިން ޕްރިމިއަރ ލީގަށް އަންނަ ކޮންމެ ކުލަބަކަށް 1.5 މިލިއަން ރުފިޔާ ދިނުމަށްވެސް ހަމަޖެހިފައިވާކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.

" ކޮންމެ ތިން މަހަކުން، ތިން މަހަކުން ކުލަބްތަކަށް ބަޖެޓް ހަވާލުކުރެވިގެންދާނީ. ފުރަތަމަ ކުއާޓަރގެ ފައިސާ ދޫކުރުމަށްފަހު، ޖެހިގެން އަންނަ ކުއާޓަރގެ ފައިސާ ދޫކުރެވޭނީ ފުރަތަމަ ކުއާޓަރގެ ފައިސާ ހަރަދު ކުރެވުނުގޮތުގެ ތަފްސީލް އެފްއޭއެމަށާއި، ކުންފުންޏަށް ލިބުމުން. އެހެން ނޫންނަމަ، ފައިސާ މިސްޔޫސް ކުރުމުގެ ފުރުސަތު އޮވެދާނެ. އަޅުގަނޑުމެން ފައިސާ މިދެނީ ހަމައެކަނި ކުލަބްތަކަށް ކުޅުންތެރިންގެ މުސާރަ ދޭކަށް ނޫން. ވަރަށް ގިނަ ކަންތައްތަކަށް ކުލަބްތަކާއެކު ވަނީ ޝަރުތު ކުރެވިފަ، އެކަންތައްތައް ފުރިހަމަ ކުރުމުން ޖެހިގެން އަންނަ ކްއާޓަރގެ ފައިސާ ދޫކުރެވޭނީ." ބައްސާމް ވިދާޅުވިއެވެ.

 ކުންފުނިތަކުން ހަރަދު ކުރާނެ ޓީމްތައް ކަނޑައަޅާނީ ގުރުއަތުލައިގެންކަމަށްވެސް އެފްއޭއެމްއިން މަޢުލުމާތުދެއްވިއެވެ.