ކުޅިވަރު

އެންމެ މޮޅު ބިލިއަޑް ކުޅުންތެރިއަކަށް މުޙައްމަދު ޝަރީފް


ވޭތުވެދިޔަ 2016 ވަނަ އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިއަކަށް މުޙައްމަދު ޝަރީފް ހޮވިއްޖެއެވެ.

މުޙައްމަދު ޝަރީފަށް މި އެވޯޑް ހަވާލުކުރީ ރޭ ބޭއްވި ބިލިއަޑް ނައިޓްގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ. ކަސްޓަމްސްގެ މީރުބަހުުރު މާލަމްގައި ބޭއްވި ބިލިއަޑް ނައިޓްގައި އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން ވޭތުވެދިޔަ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއަށްވެސް ވަނީ އެވޯޑް ދީފައެވެ. 2016 ވަނަ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކީ ޙަސަން ޝާޒްއެވެ. ޝާޒްއަށް އެވޯޑް ހަވާލުކޮށްދެއްވީ ބިލިއަޑް އެސޯސިއޭޝަން ވުޖޫދަށް ގެނައުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ޢަލީ ވަޙީދު (އަލިކާ) އެވެ. img:http://s4.psmnews.mv/images/660x400/14852856282158.jpg|2016ވަނަ އަހަރުގެ އެންމެ މޮޅު ޒުވާން ބިލިއަޑް ކުޅުންތެރިޔާ ޝާޒް އެވޯޑާ ތަށްޓާ ހަވާލްވަނީ - ފޮޓޯ އެމްޕީބީއޭ

މި އެވޯޑް ތަކުގެ އިތުރުން ރޭގެ ޙަފްލާގައިވަނީ 2016 އަހަރު ބޭއްވި 8، 9 އަދި 10 ބޯލް ބިލިއަޑް މުބާރާތްތަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޯދި ކުޅުންތެރިންނަށް ތަށްޓާ މެޑަލް ޙަވާލްކޮށްފައެވެ. ޤައުމީ 8 ބޯލް ބިލިއަޑް މުބާރާތުގެ 3 ވަނަ ކުޅުންތެރިއަކީ ޙަސަން ޝާޒް މުޙައްމަދެވެ. ޤައުމީ 9 ބޯލް ބިލިއަޑް މުބާރާތުގެ 3 ވަނަ ކުޅުންތެރިއަކީ އަޙުސަން ހާޝިމެވެ. ޤައުމީ 10 ބޯލް ބިލިއަޑް މުބާރާތުގެ 3 ވަނަ ކުޅުންތެރިއަކީ ދުންޔާޒް މުޙައްމަދެވެ. މި އެވޯޑްތައް ޙަވަލްކޮށްދެއްވީ ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ރައްޒާޤެވެ.

ޤައުމީ 8 ބޯލް ބިލިއަޑް މުބާރާތުގެ 2 ވަނަ ކުޅުންތެރިއަކީ ޙުސައިން ފަޔާޒެވެ. 9 ބޯލް ބިލިއަޑް މުބާރާތުގެ ދެވަނަ ކުޅުންތެރިއަކީ އިބްރާހިމް ޙަނީފެވެ. އަދި ޤައުމީ 10 ބޯލް ބިލިއަޑް މުބާރާތުގެ ދެވަނަ ކުޅުންތެރިއަކީ އަޙްމަދު ނާސިފެވެ. 2 ވަނައަށް ދިޔަ ކުޅުންތެރިންނަށް މެޑަލް ހަވާލްކޮށްދެއްވީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަލީ ޢާދިލެވެ.

މި ތިން މުބާރާތުގެ އެއްވަނައަށް ދިޔަ ކުޅުންތެރިންނަށް ތަށްޓާއި މެޑަލް ޙަވާލުކޮށްދެއްވީ ޝަރަފްވެރި މެހުމާން ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ. ޤައުމީ 8 ބޯލް ބިލިއަޑް މުބާރާތުގެ ޗެމްޕިއަނަކީ މުޙައްމަދު ޝަރީފެވެ. 9 ބޯލް ބިލިއަޑް މުބާރާތުގެ ޗެމްޕިއަނަކީ ޢަލީ ފަޔާޒެވެ. އަދި ޤައުމީ 10 ބޯލް ބިލިއަޑް މުބާރާތުގެ ޗެމްޕިއަނަކީ މުޙައްމަދު ޝަރީފެވެ. img:http://s3.psmnews.mv/images/660x400/14852856846263.jpg|2017 ވަނަ އަހަރުގެ ޤައުމީ ބިލިއަޑް ޓީމް - ފޮޓޯ އެމްޕީބީއޭ

ރޭގެ ޙަފްލާގައި ބިލިއަޑް ޤައުމީ ޓީމް ޢިއުލާންކޮށް ކުޅުންތެރިންނަށްވަނީ ޖާޒީވެސް ޙަވާލްކޮށްފައެވެ. ޤައުމީ ޓީމްގައި ހިމެނެނީ ވޭތުވެދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ޝަރީފާއި، ޢަލީ ފަޔާޒާއި މުޙަައްމަދު ފަޔާޒްގެ އިތުރުން ޒުވާން ކުޅުންތެރިޔާ ޙަސަން ޝާޒެވެ.

މީގެއިތުރުން މޯލްޑިވްސް ޕޫލް ބިލިއަޑް އެސޯސިއޭޝަނަށް ވޭތުވެދިޔަ އަހަރު އެކިގޮތްގޮތުން އެހީތެރިވި ފަރާތްތަކަށްވަނީ ހަނދާނީ ފިލާ ދީފައެވެ. އަދި އެ އެސޯސިއޭޝަނުންދޭ ޚާއްސަ އެވޯޑް މިފަހަރު ލިބިލެއްވީ އިބްރާހީމް ޝަރީފް (އިބޫ) އަށެވެ. img:http://s3.psmnews.mv/images/660x400/14852857605573.jpg|އެމްޕީބީއޭގެ އެމްބަސަޑަރ އަޙްމަދު އިބްރާހީމް (ކ) - ފޮޓޯ އެމްޕީބީއޭ

މިޙަފްލާގައި އެންމެ ޚާއްސަކަމެއްގެ ގޮތުގައި ފެނިގެންދިޔައީ ފުރަތަމަ ފަހަރަށް ބިލިއަޑް އެސޯސިއޭޝަންގެ އެންބަސަޑަރެއް ހަމަޖެއްސުމެވެ. ބިލިއަޑް އެސޯސިއޭޝަންގެ އެމްބަސަޑަރަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަހްމަދު އިބްރާހީމް (އައްމަޑޭ) އެވެ. އައްމަޑޭއަށް ވަނީ އެސޯސިއޭޝަންގެ އެމްބަސަޑަރ ކާޑްވެސް ޙަވާލުކޮށްފައެވެ.