ޚަބަރު

އިންޑިއާގެ ޖުމްހޫރީ ދުވަހާ ގުޅުވައިގެން މާލޭގައި ޙަރަކާތްތަކެއް


އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލޭގައި ޚާއްޞަ ސްޓޭޖް ޝޯވއެއް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

މާދަމާރޭ އޮލިމްޕަހުގައި އޮންނަ މި ޝޯވއަކީ ނެޝެނަލް ސެންޓަރ ފޯރ ދި އާރޓްސްއާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ފްރެންޑް ޝިޕް އެސޯސިއެޝަން އޮފް އިންޑިއާ މޯލްޑިވްސް ގުޅިގެން ބާއްވާ ޝޯވއެކެވެ. މި ޝޯވގައި އިންޑިއާގެ ކަލްޗަރަލް ބޭންޑެއްގެ އިތުރުން ދިވެހި ސަޤާފީ ޙަރަކާތްތަށް ފެނިގެންދާނެއެވެ. އަދި މިފަދަ ކަންތައްތަކުގެ ސަބަބުން ބޭރު ދުނިޔޭގައި ރާއްޖޭގެ ސަޤާފަތް ދައްކުވައިދިނުމަށް އިތުރު ފުރުޞަތުތައް ލިބިގެންދާކަން އެންސީއޭއިން ފަހާގަކުރެއެވެ.

"ބޭރުގެ ބޭންޑުތައް ރާއްޖެއައިސް ޕާފޯރމް ކުރާ ފަދައިން އަޅުގަނޑުމެންގެ ސަޤާފަތް ދައްކުވައިދޭ ކުޅިވަރުތައް މިސާލަކަށް ބޮޑުބެރު މިކަހަލަ ފަންނުވެރިންނަށް އިތުރު ފުރުޞަތުތައް ހުޅުވިގެން އެބަދޭ އެހެން ޤައުމުތަކަށްގޮސް ޕާފޯރމް ކުރަން" އެންސީއޭގެ ކޯޑިނޭޓަރ ޢަލީ އާމިރު ވިދާޅުވިއެވެ.

ފްރެންޑްޝިފް އެސޯސިއޭޝަން އޮފް އިންޑިއާ މޯލްޑިވްސްއިން ބުނީ މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް ޤަބޫލްކުރައްވާކަމަށް. އާންމުނަށް ހިލޭ ވަދެވޭ ގޮތަށް އޮލިމްޕަހުގައި ބާއްވާ މިޝޯވގެ އިތުރުން މި ދުވަސް ފާހަގަ ކުރުމަށް އިތުރު ހަރަކާތްތައްވެސް ރާވާފައިވެއެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް އިންޑިއަން ކަލްޗަރަލް ސެންޓަރުން މަޢުލޫމާތުދެއެވެ.