ކުޅިވަރު

މާޒިޔާގެ ހަތަރުވަނަ ބިދޭސީ ކުޅުންތެރިޔާ ޓީމާ ގުޅިއްޖެ


މާޒިޔާގެ ހަތަރުވަނަ ބިދޭސީ ކުޅުންތެރިޔާ ރާއްޖެ އައިސް މިއަދު ޓީމްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ. 

މާޒިޔާއިން ހަތަރުވަނަ ކުޅުންތެރިއަކަށް ގެނައީ ސަރބިއާގެ ޑިފެންޑަރެކެވެ. ޑިފެންސްގެ ކޮންމެ މަޤާމަކަށްވެސް ކުޅެވޭ މިލޮސް ކޮވަސެވިޗްއަކީ ސަރބިއާގެ ޔޫތް ޤައުމީ ޓީމްތަކަށާއި، ފުރަތަމަ ޑިވިޝަންގެ ޓީމްތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. 25 އަހަރުގެ މިލޮސް ކޮވަސެވިޗް 2014 އަދި 2015 ވަނަ އަހަރު ކުޅުނީ ލިތުއޭނިޔާގެ ފުރަތަމަ ޑިވިޝަންގައެވެ. މާޒިޔާގައި ސަރބިއާގެ ފޯވާޑެއްގެ އިތުރުން ރޫމޭނިޔާގެ އިސްކޮޅުން ދިގު ޑިފެންޑަރ ކޯޑޯސްއާއި، 2015 ވަނަ އަހަރު އެޓީމަށް ކުޅުނު ކިރުގިސްތާންގެ ކީޕަރު ޕަވެލް މަޓިއަޝް އެބަހުއްޓެވެ. 

މާޒިޔާ ދޫކޮށްދިޔަ ކުޅުންތެރިންގެ މަޤާމްތައް ފޫބެއްދުމަށް ބިދޭސީ ކުޅުންތެރިންގެނެސް ޓީމް ތައްޔާރުވަމުން ދަނީ އޭޝިޔާގެ ފުޓްބޯޅައިގެ ތަޖުރިބާ ބޮޑު ކޯޗު މެސެޑޯނިޔާގެ މަރުޔަން ސެކްލޮސްކީގެ އިރުޝާދުގެ ދަށުންނެވެ.

މިއަހަރަށް އެހެން ޓީމްތައް ވާދަކުރިނަމަވެސް އަދިވެސް އެންމެ ބޮޑު، ވަރުގަދަ ސްކޮޑެއް އޮތީ މާޒިޔާގައެވެ. ރާއްޖޭގެ ސީޒަންގެ އިތުރުން މާޒިޔާ ތައްޔާރުވަމުން އަންނަނީ އޭއެފްސީކަޕަށެވެ. މާޒިޔާގެ އަމާޒަކީ ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރުމެވެ.