ކުޅިވަރު

ބަނގްލަދޭޝް މުބާރާތަށްފަހު ޓީސީ ތަފާތުވާނެ - ކޯޗް ނިޒާމް


ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕްގައި ބައިވެރިވުމަށް ލިބުނު ފުރުސަތަކީ ޓީސީ ކަހަލަ ޅަ ޓީމަކަށް ފުޓްބޯޅައިގައި ކުރިއަށްދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށް ޓީސީ ސްޕޯޓްސް ކުލަބުން ބުނެފިއެވެ. 

އަންނަ މަހު ބަނގްލަދޭޝްގައި އޮންނަ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕުގައި ބައިވެރިވާން ޓީސީ ސްޕޯޓްސް ކްލަބަށް ފުރުސަތު ލިބުމުން ޓީސީ ސްޕޯޓްސް ކުލަބުންވަނީ އެދައުވަތު ގަބޫލްކޮށްފައެވެ. ޓީސީ ސްޕޯޓްސް ކުލަބުން އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ކޯޗް މުހައްމަދު ނިޒާމް ބުނީ މިއީ ޓީސީ ސްޕޯޓްސް ކުލަބްފަދަ ޅަ ޓީމަކަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުސަތެއްކަމަށެވެ. މިއަހަރު ދިވެހި ލީގަށް ތައްޔާރުވަމުން ދަނިކޮށް މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނުނަމަވެސް ފަރިތަކުުރުންތަކަށް މާބޮޑު ބަދަލުތަކެއް ނާންނެކަމަށާ މިހާރު ހުރިހާ އަމާޒެއްވެސް ހުރީ ބަނގްލަދޭޝްގައި އޮންނަ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕަށްކަމަށެވެ. ނިޒާމް ބުނީ މިއީ މާލޭ ލީގަށް ތައްޔާރުވުމަށްވެސް ޓީސީއަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުސަތެއްކަމަށެވެ.

"އަބަދުވެސް ޓީމްތަކުން ދައްކަނީ ސީޒަންގެ ކުރިން ވާދަވެރި މެޗްތަކެއް ނުލިބޭ ވާހަކަ. އޭއެފްސީ ކަޕްގައިވެސް ރާއްޖެއިން ވާދަކުރާ ދެ ޓީމަށްވެސް ދިމާވަނީ މިމައްސަލަ. މިފަހަރު މިމުބާރާތުގެ ސަބަބުން ޓީސީއަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ. ކުޅުންތެރިންނަށް މެޗް އެކްސްޕީރިއަސް ލިބުމާއި، ވާދަވެރި މެޗްތަކެއް ކުޅެލަންވެސް ލިބޭނެ. މުބާރާތުގައި ވާދަކުރާ ޓީމްތައް އަދި ނޭނގުނަސް، ޓީސީން މުބާރަތުގައި ރަނގަޅު ފައިޓެއް ދޭނަން." ނިޒާމް ބުންޏެވެ.

ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗް ނިޒާމް ބުނީ މިފަދަ ފުރުސަތުތައް ރާއްޖޭގެ ގިނަ ކުލަބްތަކަށް ލިބެންޖެހޭކަމަށެވެ. ހާއްސަކޮށް ރާއްޖޭގައިވެސް ކުލަބްތަކަށް އަޒާމްކޮށްގެން ބައިނަލްގްވާމީ ފެންވަރުގެ މުބާރާތްތައް ކުރިއަށް ގެންދެވިއްޖެ ކަމަށްވާނަމަ، ރާއްޖޭގެ ކުލަބްތަކަށްވެސް ވަރަށް ބޮޑަށް ބޮޑު ފައިދާ ކުރާނެކަން ނިޒާމް ފާހަގަކުރިއެވެ.

ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕް ކުރިއަށްދާނީ މިއަންނަ މަހުގެ 18 ން މާޗް މަހުގެ 1 ގެ ނިޔަލަށެވެ. މިއަހަރު ޓީސީއާ ގުޅިފައިވާ ކުޅުންތެރިންގެ ތެރޭގައި މިދިޔަ އަހަރު ނިއުރޭޑިއަންޓަށް ކުޅުނު އަބްދުﷲ ހަނީފްއާއި އަހުއްމަދު ސާމިރު އަދި  މިނިވަން ޗެމްޕިއަންޝިޕްގައި ސ. ފޭދޫ ޓީމުން ފާހަގަވި އިބްރާހިމް މަހުދީ ހިމެނެއެވެ.  ނޭޕާލްގެ 1 ވަނަ ކީޕަރު ކިރަން ޝެމޮންވެސް ވަނީ ޓީސީއާ ގުޅިފައެވެ.  

މިއަހަރު ޓީސީ ސްޕޯޓްސް ކުލަބް ދޫކޮށްދިޔަ ކުޅުންތެރިންގެ ތެރޭގައި މިދިޔަ އަހަރުގެ ރާއްޖޭގެ 1 ވަނަ ކުޅުންތެރިޔާ އަލީ ފާސިރުއާއި، އަހުމަދު އަބްދުﷲ އަދި ކީޕަރު މުހައްމަދު އިމްރާން ހިމެނެއެވެ.