ވިޔަފާރި

ތެޔޮ ރައްކާކުރާ ނިޒާމު ފުޅާކުރުމުގެ މަސައްކަތް 3 މަސް ތެރޭ ނިމޭނެ


އެސް.ޓީ.އޯގެ، ތެޔޮ ރައްކާކުރާ ނިޒާމް ފުޅާކުރުމަށްޓަކައި ކުރަމުންދާ މަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.  

އެސްޓީއޯއިން ދަނީ ތެޔޮ ރައްކާކުރެވޭ މިންވަރު ދެގުނައަށް އިތުރުކުރުމަށްޓަކައި އެނިޒާމު ފުޅާކުރުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ. މާލެއަތޮޅު ފުނަދޫގައި ޤާއިމުކޮށްފައިވާ އެސް.ޓީ.އޯގެ ތެޔޮ ރައްކާކުރާ ނިޒާމް އިތުރަށް ބޮޑުކުރުމުގެ މަޝްރޫއެއް މިހާރު ހިނގަމުންދެއެވެ. އެމަޝްރޫޢުގެ ތެރެއިން އެކުންފުނިން ވަނީ ތެޔޮ އުފުލާ ޓޭންކަރެއް ގަތުމަށް ވެސް ނިންމާފައެވެ. އެސްޓީއޯއިން ތެޔޮ އުފުލުމުގައި މިހާރު ބޭނުންކުރަމުން އަންނަނީ ބޯޓެއް ޗާޓަރު ކޮށްގެންނެވެ. 

އެކަމަކީ ބޮޑު ޙަރަދެއް ހިނގާ ކަމެއް ކަމަށް އެސްޓީއޯއިން ބުނެއެވެ. އެހެންކަމުން މިކަމަށް ލުޔެއް ހޯދުމުގެ ގޮތުން ތެޔޮ އުފުލުމުގައި ބޭނުންކުރުމަށް 25000 އާއި 30000 އާ ދެމެދުގެ ލޯޑިންގ ކެޕޭސިޓީއެއް ހުރި ބޯޓެއް ގަތުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.

ޓީވީއެމްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ އަލަށް ގެންނަ ޓޭންކަރު ކުރިއަށްއޮތް ދެމަސްދުވަހުގެ ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށެވެ.

"ފޮނަދޫގައި ބަހައްޓާ ސްޓޯރޭޖް ކޮންމެވެސް ވަރަކަށް ނިމިފައިވަނީ . މިއަހަރުގެ ފުރަތަމަ ކުއާޓަރުތެރޭގައި މި ސްޓޯރޭޖް ބޭނުން ކުރެވެން ފެށޭނެ، އަދި އޭގެ އިތުރުން ކުރިއަށް މިއޮތް ދެމަސްދުވަހުގެ ތެރޭގައި މި ޕްރޮޖެކްޓަށް ގެންނަ އާ ޓޭންކަރު، ގަނެ ރާއްޖެ ގެނެވޭނެ، އަޅުގަނޑުމެން މިހާރު ވާނީ މި ޓޭންކަރު ހޯދުމަށްޓަކައި އޭގެ ލިޔެކިޔުންތައް ނިންމައި، ޓެންޑަރ ޕްރޮސެސްތެރޭގައި މިއުޅެނީ، އަޅުގަނޑުމެން މިހާރުވަނީ ވެސަލްތަކެއް އައިޑެންޓިފައިވެސް ކޮށްފައި،" ޝަހީރު ވިދާޅުވިއެވެ.  

އެސް.ޓީ.އޯގެ ތެޔޮ ރައްކާކުރާ ނިޒާމް ފުޅާ ކުރުމުގެ މަޝްރޫއު ނިމޭއިރު، ތެޔޮ ރައްކާކުރެވޭ މިންވަރު ދެގުނަ އަށް އިތުރުވާނެކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ. މިއީ 35 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.