ޚަބަރު

ތެލުގެ ވިޔަފާރިކުރާ ތަންތަން އިސްލާޙުކުރަނީ!


ސަރުކާރުން ކަނޑައަޅުއްވާފައިވާ އުސޫލުތަކާ ޚިލާފަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ހުރި ތެލުގެ ވިޔަފާރިކުރާ ތަންތަން އިސްލާހުކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށްގެންދަވާނެކަމަށް ޑިފެންސް މިނިސްޓަރ އަދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، "އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމްތައް ޤާއިމް ލުރުމާއި ބެހޭ ޤަވާއިދު" ގެ ޑްރާފްޓަށް މަޝްވަރާކުރުމަށް މިއަދު ބޭއްވި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. 

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަޔަރއެންޑް ރެސްކިއު ސަރވިސުން ޑްރާފްޓް ކުރައްވާފައިވާ "އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމްތައް ޤާއިމް ކުރުމާ ބެހޭ ޤަވާއިދު" ފައިނަލް  ކުރެއްވުމަށްޓަކައި ކަމާގުޅުންހުރި މުވައްސަސާތަކާއެކު ބާއްވާ މަސައްކަތު ބައްދަލުވުން ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، އަތޮޅުތަކުގައި ތެލުގެ ވިޔަފާރި ކުރާތަންތަނުގެ ތެރޭގައި ސަރުކާރުން ކަނޑައަޅުއްވާފައިވާ އުސޫލުތަކަށް ނުފެތޭ، އަދި އޭގެސަބަބުން ޙާދިސާއެއް ހިނގައިފިނަމަ  ބޮޑެތި ގެއްލުންތަކެއްވެދާނެފަދަ ގޮތަކަށް އެފަދަ ތަންތަން ބައެއް ރަށްރަށުގައި ހުރިކަން މިހާތަނަށް ބެއްލެވި ބެއްލެވުމުން އެނގިފައިވާކަމަށެވެ. އެހެންކަމުން މިއަހަރު ތެރޭގައި އެފަދަ ތަންތަން އިސްލާޙްކުރެއްވުމުގެ މަސައްކަތް ސިފައިން ކުރައްވާނެކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ.

" ހާދިސާއެއް ހިނގައިފިނަމަ އޭގެ ނުރައްކާ އެސަރަޙައްދެއްގައި ނުވަތަ މުޅި ރަށުގައި އުޅޭ މީހުންނަށް އޭގެ ނުރައްކާ ވާފަދަ ގޮތަކަށް ހުރި ތަންތަން ހުރިކަން ވަނީ ފާހަގަކުރެވިފައި. މީއީ އަޅުގަނޑު ހިތުން އެވިޔަފާރި ކުރައްވާ ފަރާތްތަކާއި، ރައްޔިތުންވެސް ވަރަށް ބޮޑަށް ވިސްނާވަޑައިގަންނަވާނެކަމެއް." ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މީހުން ގޮވައިގެން ދަތުރުކުރާ އުޅަނދުތައް މާލެއިން ފުރާއިރު، އެފަދަ އުޅަނދުތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އެކަމުން ރައްކާތެރިވެވޭނެ ރަނގަޅު ވަސީލަތްތަކެއް ޤާއިމް ކުރެއްވުމަށް ބާރު އަޅުއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެފަދަ ތަރައްޤީއަށް މަސައްކަތް ކުރާ ޤައުމެއްގައި، ޙާލަތު ބަދަލުކުރުމަށްޓަކައި، ކަމެއް ހިނގުމުގެ ކުރިން އަދި ހިގާފައިވާ ޙާދިސާތަކަށް ބަލައި އެކަންކަން ތަކުރާރުވިޔަ ނުދިނުމަކީ މިފަދަ މަސައްކަތްތަކުގެ އެންމެ މުހިއްމު މަޤުސަދުކަން ޑިފެންސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

img:http://s1.psmnews.mv/images/660x400/14852447228039.jpg|މިއަދު ބޭއްވި ރަސްމިޔާތުގެތެރެއިން - ޕީއެސްއެމް ފޮޓޯ: ޢަލީ ނަޞީރު

އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމްތައް ޤާއިމްކުރުމާ ބެހޭ ޤަވާއިދެއް އައުމުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ޚާއްސަކޮށް އެންމެ ގިނައިން މީހުން ދިރިއުޅޭ މާލެސިޓީގައި ހިނގާ އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވެތިބުމަށް އިތުރު ފަސޭހަތައް ލިބިގެންދާނެކަމަށާއި، މިފަދަ ޤަވާއިދެއް އެކުލަވާލާއިރު، އަތޮޅުތަކުގައި ހިނގާފާނެ ކަންކަމަށް ސަމާލުކަން ދިނުމަށްވެސް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. 

"މިއަދު މިތައްޔާރު ކުރެވޭ ކަރުދާހަކީ ފަހަރެއްގައި މާލެއާއި މާލެ ވަށައިގެން ހުރި ހިސާބުތަކަށް ވަރަށް ރަނގަޅަށް ތައްޔާރުކުރެވޭ ކަރުދާހަކަށްވުމީ އެކަށީގެންވާކަމެއް. ހަމަ މިއާއެކުގައި އަޅުގަނޑުމެން ވިސްނަންޖެހޭ ކަމަކީ، މިހާރު މިތައްޔާރުކުރެވޭ ޤަވާއިދުގެ ތެރެއިން ރާއްޖޭގެ ހުރިހާ ހިސާބަކަށް މީގެ މަންފާކުރާނެ ގޮތަކަށް އަޅުގަނޑުމެން މިޤަވާއިދު ބައްޓަން ކުރުމަކީ މުހިއްމުކަމެއް." ޑިފެންސްް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.

ފަޔަރއެންޑް ރެސްކިއު ސަރވިސުން ޑްރާފްޓް ކުރެއްވި، އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމްތައް ޤާއިމް ކުރުމާއި ބެހޭ ޤަވާއިދު ފައިނަލް ކުރުމުގައި، 10 މުއައްސަސާއަކުން ބައިވެރިވެފައިވެއެވެ.