ޚަބަރު

އެއަރޕޯޓްގެ ފަޔަރ އެންޑް ރެސްކިއު ޚިދުމަތަށް ދެ ބޯޓު ގެނެސްފި


އެއަރޕޯޓު ފަޔަރ އެންޑް ރެސްކިއުގެ ޙިދުމަތަށް ކަނޑުގައި ބޭނުންކުރާ ދެ ރެސްކިއު ބޯޓު ގެނެސް އެއަރޕޯޓް ސީ ރެސްކިޔު އޮޕަރޭޝަން އަޕްގްރޭޑްކޮށްފިއެވެ. އަލަށް ގެނައި ދެ ބޯޓާއެކު ސީ ރެސްކިޔު އޮޕަރޭޝަނުގައި ޖުމްލަ ހަތަރު ބޯޓު މިހާރު ހަރަކާތްތެރިވާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ހާމަކުރެއެވެ. އެއަރޕޯޓް ފަޔަރ އެންޑް ރެސްކިޔު ޔުނިޓުގެ މެރިން ޑިވިޝަންއަށް އަލަށް ގެނައި ސީ ރެސްކިޔު ދެ ބޯޓާއެކު އެއްފަހަރާ ސަތޭކަ މީހުންނަށް މިހާރު އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ. 

އަލަށް ގެނައި ދެ ބޯޓު ހިދުމަތަށް ނެރުމަށްޓަކައި އެއަރޕޯޓު ފަޔަރ އެންޑް ރެސްކިއު ޔުނިޓްގެ މެރިން ޑިވިޝަންގައި ބޭއްވި ހަފްލާގައި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ މާލޭ ވައިގެ ބަނދަރަކީ ސީ ޕްލޭންގެ އުދުހުންތަކަށްވެސް ބޭނުންކުރާ ތަނަކަށްވުމުން، ކަނޑުމަތީގައި ހިނގާފާނެ ހާދިސާއަކަށް ފުރިހަމައަށް ތައްޔާރުވެ ތިބުން މުޙިއްމުކަމަށެވެ.  

img:http://s1.psmnews.mv/images/660x400/14851846142969.jpg|އެއަރޕޯޓް ފަޔަރ އެންޑް ރެސްކިއު ޚިދުމަތަށް އަލަށް ގެނައި ދެ ބޯޓު /

ސީ ރެސްކިޔު އޮޕަރޭޝަނާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން އެމްއޭސީއެލްގެ ފަޔަރ އެންޑް ސޭފްޓީގެ ޑެޕިއުޓީ ޗީފް އޮފިސަރ، އަޙްމަދު ފަޔާޒް ވިދާޅުވީ، އެއަރޕޯޓާ އެއްހާސް މީޓަރުގެ ސަރަހައްދަކަށް އެހީ ފޯރުކޮށްދޭނެކަމަށާއި އެއްފަހަރާއި ސަތޭކަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި، އަލަށް ގެނައި ދެ ބޯޓު ބޭނުންކޮށްގެން ކަނޑުމަތީގެ ހާދިސާއެއްގައި ވަގުތުން އޮޕަރޭޝަން ހިންގާނެ ގޮތުގެ ޑްރިލެއް ވަނީ ދައްކާލާފައެވެ.