ޚަބަރު

ނާލާފުށީ ގޮނޑުދޮށް ހިމާޔަތްކުރެއްވުމުގެ މަޝްރޫޢު ނިންމަވައިފި


މުލަކު އަތޮޅު ނާލާފުށި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު ނިންމައި ރަސްމީކޮށް ހުޅުވައިފިއެވެ. 

މިއަދު ނާލާފުށީގައި މިކަމަށްޓަކައި ބޭއްވި ޙާއްސަ ރަސްމިޔާތުގައި އެރަށުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމަށްޓަކައި ޖަހާފައިވާ ބޮޑު ހިލައިގެ ތޮށި ރަމްޒްކޮށްދޭ މޮނިއުމެންޓް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤަޔޫމެވެ. 



މުލަކަތޮޅު ނާލާފުށްޓަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދަވައިދެއްވުމަށްޓަކައި އެރަށުގެ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމަށްޓަކައި ސަރުކާރުންވަނީ ބޮޑު ހިލައިގެ ރިވެޓްމެންޓެއްޖަހާފައެވެ. މި މަޝްރޫޢު ފަށްޓަވާފައިވަނީ 2015 ވަނަ އަހަރުއެވެ. މިމަޝްރޫއުގެ ދަށުން، ނާލާފުށީގެ ގިރާ ސަރަހައްދުގަ 510 މީޓަރު ދިގުމިނަށް ބޮޑު ހިލައިގެ ރިވެޓްމަންޓެއް ވަނީ ޖަހާފައެވެ. މި ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށްޓަކައި ބޭނުންކޮށްފަވާ ނިޒާމަކީ ރާއްޖޭގެ ހާލަތަށް ބަލާ، ދިރާސާކޮށް، އެންމެ އެކަށޭނޭ ނިޒާމުކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. 

ނާލާފުށީ ގޮނޑުދޮށް ޙިމާޔާތް ކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާޙީމް ވިދާޅުވީ ނާލާފުށީގެ ގިރަމުންދާ ސަރަޙައްދު ޙިމާޔާތް ކުރެވިގެން ދިއުމަކީ އެރަށުގެ ރައްޔިތުންނަށް ޙިމާޔަތާއި ރައްކާތެރިކަން ޔަޤީވެގެން ދިޔަ ކަމެއްކަމަށެވެ. އަދި  މި ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި 17 ކިލޯމީޓަރގެ ގޮނޑުދޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ޙިމާޔަތް ކޮށްފައިވާކަމަށް މިނިސްޓަރ ތާރިޤް ވިދާޅުވިއެވެ.

ނާލާފުށީ ރައްޔިތުން ބުނީ  ރަށް ގުރުމުގެ މައްސަލައަކީ ގިނަ ޒަމާންތަކެއްވަންދެއް އެރަށު މީހުން ތަހައްމަލް ކުރަމުންގެދިޔަކަމެއްކަމަށެވެ. އަދި މި މަޝްރޫޢު ނިމުމުން އެކަމާއި އުފާކުރާކަމަށް އެރަށުގެ ރައްޔިތުން ބުންޏެވެ. 

ނާލާފުށީގެ ގޮނޑުދޮށް ޙިމާޔާތް ކުރުމުގެ މަޝްރޫޢުއަށް ސަތާރަ މިލިއަނަށް ވުރެއް ގިނަ ރުފިޔާ  ވަނީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްފައެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ- އެމް.ޓީ.ސީ،ސީއާއެވެ. މިމަޝްރޫއުގެ ޢަމަލީ މަސައްކަތް ފަށްޓަވާފައިވަނީ 9 މާރިޗު 2015 ގައެވެ. އަދި 4 މެއި 2016 ގައި އަމަލީ މަސައްކަތްވަނީ ނިންމާފައެވެ. މި މަޝްރޫޢާއެކު ރާއްޖޭގައި ރަށްގިރުމުގެ މައްސަލަ ދިމާވެފައިވާ ރަށްރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ގޮތުން ސަރުކާރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ހިމަނައިގެން ގޮނޑުދޮށް ޙިމާޔަތްކުރުމުގެ  12 މަޝްރޫޢެއް 2016 ވަނަ އަހަރު ވަނީ ނިންމާފައެވެ. މި މަޝްރޫޢުތަކަށް ޖުމްލަގޮތެއްގައި  188 މިލިއަން ރުފިޔާ ޚަރަދުކޮށް 5.85 ކިލޯމީޓަރުގެ ގޮނޑުދޮށް ވަނީ ޙިމާޔަތް ކޮށްފައެވެ.