ވިޔަފާރި

ހިތްވަރު ޗެލެންޖްގެ މެޓީރިއަލްސް ޕާޓްނަރަކަށް އެސްޓީއޯ


ހިތްވަރު ޗެލެންޖްގެ މެޓީރިއަލްސް ޕާޓްނަރަކަށް އެސްޓީއޯ ހަމަޖައްސައިފިއެވެ.

ހިތްވަރު ޗެލެންޖް އިންތިޒާމްކުރާ ޓަރނިންގ ސްޓޯނުން ވަނީ، އެސްޓީއޯއާއިއެކު އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ، ބިޒްނަސް ޑިވެލޮޕްމެންޓް އެންޑް ޕަބްލިކް ރިލޭޝަން މުސްލިޙް މަޞީޙެވެ. ޓަރނިންގ ސްޓޯންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެތަނުގެ ސޭލްސް އެންޑް މާކެޓިންގ ޑިރެކްޓަރ ފާތިމަތު ޒާދާއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މުސްލިޙް މަޞީޙް ވިދާޅުވީ، ޒުވާނުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ އެކިއެކި އިވެންޓްތަކުގައި ބައިވެރިވުމަކީ އެސްޓީއޯއިން އިސްކަމެއް ދޭކަމެއް ކަމަށެވެ. ހިތްވަރު ޗެލެންޖް ކާމިޔާބުކުރުމަށް އެސްޓީއޯގެ ފުރިހަމަ އެއްބާރުލުން ދެއްވާނޭކަމަށް މުސްލިޙް ވިދާޅުވިއެވެ. 

ޓަރނިންގ ސްޓޯންގެ ސޭލްސް އެންޑް މާކެޓިންގ ޑިރެކްޓަރ ފާތިމަތު ޒާދާ ވިދާޅުވީ، ހިތްވަރު ޗެލެންޖް ކުރިއަށްގެންދިއުމަށް ސަރުކާރުގެ ކުންފުނިތަކާއި، މުވައްސަސާތަކުން ވަރަށްބޮޑު އެއްބާރުލުމެއް ލިބޭކަމަށެވެ. މިގޮތުން މިއީ މި އިވެންޓް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ލިބޭ ވަރަށްބޮޑު އެހީއެއްކަމަށް ޒާދާ ވިދާޅުވިއެވެ.

ހިތްވަރު ޗެލެންޖް ބޭއްވުމަށް ހަމަޖެހިފައިވަނީ، މިއަހަރުގެ މެއި މަހު ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ. ކަސްރަތަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ހިތްވަރު ޗެލެންޖުގައި ބައިވެރިވުމުގެ ފުރުޞަތު 17 އަހަރާއި 45 އަހަރުގެ ކޮންމެ މީހަކަށް ވެސް ވަނީ ހުޅުވާލާފައެވެ. ހިތްވަރު ޗެލެންޖުގެ ހޯސްޓިންގ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއެވެ.