ތަޢުލީމު

ޘާނަވީ އިމްތިޙާނުން %79 ދަރިވަރުން ހުރިހާ މާއްދާއަކުން ފާސްވެއްޖެ


ނިމުނު އަހަރު ޘާނަވީ އިމްތިޙާނު ނިންމި ދަރިވަރުންގެ ތެރެއިން 79 އިންސައްތަ ދަރިވަރުން ހުރިހާ މާއްދާއަކުން ފާސްވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ހާމަކުރައްވައިފިއެވެ. މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު 13 އިންސައްތައިގެ ކުރިއެރުމެކެވެ. އެޑިއުކޭޝަން މިނިސްޓަރ މިކަމާގުޅޭގޮތުން ވާހަކަފުޅު ދެއްކެވީ، ނިމުނު އަހަރު ޘާނަވީ އިމްތިޙާނު ނިންމި ދަރިވަރުންގެ ވަގުތީ ނަތީޖާއާ ގުޅޭގޮތުން ނޫސްވެރިނާ ބައްދަލުކުރައްވަމުންނެވެ.

5 މާއްދާއިން ފާސްވާ ދަރިވަރުންގެ ޢަދަދު 60 އިންސައްތައަށް ގެންދިއުމަކީ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ތެރޭގައި ހިމެނޭ ލަނޑުދަނޑިއަކަށް ވުމާއެކު އެޑިއުކޭޝަން މިނިސްޓްރީއާއި ސްކޫލްތައް ގުޅިވަޑައިގެން އެ ލަނޑުދަނޑި ޙާޞިލްކުރެއްވުމަށް ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޘާނަވީ އިމްތިޙާނު މިދިޔަ އަހަރު ނިންމި ދަރިވަރުންގެ ތެރެއިން 70 އިންސައްތަ ދަރިވަރުން 5 މާއްދާއިން ފާސްވެފައިވެއެވެ. img:http://s1.psmnews.mv/images/660x400/14851736531800.jpg|އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަނީ - ފޮޓޯ: ޕީއެސްއެމް

2015 ވަނަ އަހަރު 5 މާއްދާއިން ފާސްވެފައިވަނީ 55 އިންސައްތަ ކުދިންނެވެ. ނިމުނު އަހަރުގެ ޘާނަވީ އިމްތިޙާނުގެ ނަތީޖާއަށް ބަލާއިރު 79 އިންސައްތަ ދަރިވަރުން ހުރިހާ މާއްދާއަކުން ފާސްވެފައިވެއެވެ. ސްޓްރީމް މާއްދާތަކުން ފާސްވި ނިސްބަތް، އެވްރެޖް ގޮތެއްގައި 7 އިންސައްތައާއި 10 އިންސައްތައިގެ ކުރިއެރުމެއް ހޯދިފައިވެއެވެ. އަދި އިޚްތިޔާރީ މާއްދާތަކުން ފާސްވި ނިސްބަތް އެވްރެޖްކޮށް 15 އިންސައްތައަށްވުރެ އިތުރު ކުރެވިފައިވެއެވެ.

މަޖުބޫރު މާއްދާތަކުގެ ގޮތުގައި ސްކޫލްތަކުގައި ކިޔަވައިދެއްވާ ދިވެހި، އިސްލާމް ހިސާބު އަދި އިނގިރޭސި މާއްދާއިން ފާސްވި ނިސްބަތްވެސް އިތުރުވެފައިވެއެވެ. އަދި އިނގިރޭސިއާއި ހިސާބު މާއްދާއިން 2015ވަނަ އަހަރާ އަޅާބަލާއި 10 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ލިބިފައިވެއެވެ.

ނިމުނު އަހަރު ޘާނަވީ އިމްތިޙާނު ނިންމި ދަރިވަރުންގެ ތެރެއިން އޭ އަދި އޭ ސްޓާރ ލިބުނު ދަރިވަރުން 5 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާއިރު "ބީ" ގްރޭޑް ހޯދި ދަރިވަރުން ވަނީ 2 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. އަދި "ސީ" ގްރޭޑް ހޯދި ދަރިވަރުން ވަނީ 3 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.

ޘާނަވީ އިމްތިޙާނުގެ ނަތީޖާއާ ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ ދަރިވަރުންގެ ނަތީޖާތައް އިތުރަށް ދިރާސާކުރައްވާ އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން އެ މިނިސްޓްރީން ބައްލަވަމުން ގެންދަވާ ކަމަށެވެ.

"މިފަހަރުގެ ނަތީޖާއިންވެސް އަޅުގަނޑުމެންނަށް ހާމަވެގެން ދިޔައީ އަދި އަޅުގަނޑުމެންނަށް ފާހަގަވެގެން މިދިޔައީ ކުދިންނާއި ބެލެނިވެރިންނާއި ސްކޫލްތަކުގެ އެންމެހައި ބޭފުޅުންނާއި ޓީޗަރުންނާއި އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެންމެހާ ބޭފުޅުންވެސް މިކަމަށް ބައްލަވާ ވިސްނަވާ ވަރަށް ގިނަ މަސައްކަތްތަކެއް ހިމެނިގެން ގޮސްފިކަން." އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

2015 ވަނަ އަހަރާ އަޅާބަލާއިރު 63.6 އިންސައްތަ ދަރިވަރުން 3 މާއްދާއިން ފާސްވެފައިވެއެވެ. އަދި "ޔޫ" ގްރޭޑް ލިބިގެން އެއްވެސް މާއްދާއަކުން ފާސްނުވާ ދަރިވަރުންގެ ޢަދަދު 10 އިންސައްތައިން 4 އިންސައްތައަށް ވަނީ ދަށްކުރެވިފައެވެ. ނިމުނު އަހަރު މުޅިރާއްޖޭގައި 5،410 ދަރިވަރުން ޘާނަވީ އިމްތިޙާނު ހަދާފައިވެއެވެ.