ތަޢުލީމު

ޢަރަބި އިސްލާމް ކިޔަވައިދޭ މުދައްރިސުންގެ ތަމްރީން ޕްރޮގްރާމް


ސްކޫލްތަކުގައި ޢަރަބި އިސްލާމް ކިޔަވައިދޭ މުދައްރިސުން ތާޒާކުރެއްވުމުގެ މަސައްކަތު ބައްދަލުވުމެއް އެޑިއުކޭޝަން މިނިސްޓްރީން ފަށްޓަވައިފިއެވެ.

މިއީ، ރާއްޖޭގެ ސްކޫލްތަކުގައި ޢަރަބި އިސްލާމް ތަޢުލީމް ދިނުމުގެ މަސައްކަތްކުރާ ދިވެހި މުދައްރިސުން، އުގަންނައިދިނުމުގެ ބޭނުންކުރާ ޒަމާނީ ވަޞީލަތްތަކަށް އަހުލުވެރި ކުރެއްވުމާއި، އަދި ޤައުމީ މަންހަޖުގެ ތެރެއިން އިސްލާމީ ޢަރަބި ތަޢުލީމް ދެއްވުމުގައި އިސްލާމީ އަދި އިންސާނީ އެންމެ ރިވެތި އުޞޫލުތައް ދަސްކޮށްދެއްވުމަށް މި މުދައްރިސުން އަހުލުވެރި ކުރެއްވުމަށް ކުރިޔަށް ގެންދަވާ ބައްދަލުވުމެކެވެ.

އިސްލާމިކް އެޑިޔުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (އިސެސްކޯ) އާއި މޯލްޑިވްސް ނޭޝަނަލް ކޮމިޝަން ފޯ ޔުނެސްކޯ އަދި ގުރަނަޑާ އެޑިޝަން ގުޅިގެން ކުރިއަށް ގެންދަވާ މި މަސައްކަތު ބައްދަލުވުމުގައި މާލޭގެ ސްކޫލްތަކުން ޢަރަބި އަދި އިސްލާމް ކިޔަވައިދޭ 25 މުދައްރިސަކު ބައިވެރިވެފައިވެއެވެ.

ޢަރަބި ބަހުން ކުރިޔަށް ގެންދަވާ މި ބައްދަލުވުން، މިއަދުން ފެށިގެން 4 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދަވާނެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މި މަސައްކަތު ބައްދަލުވުމުގެ ސަބަބުން ރާއްޖޭގެ ޢަރަބި، އިސްލާމް ތަޢުލީމަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ. އަދި މިއީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ހުރިހާ ސްކޫލްތަކެއްގައި ޢަރަބި، އިސްލާމް ތަޢުލީމް ފުޅާކުރެއްވުމަށް ކުރައްވާ މަސައްކަތަށް އިތުރުވި ބޮޅެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ދަށުން ރާއްޖޭގެ 41 ސްކޫލެއްގައި މިހާރުވެސް ޢަރަބި ބަސް ކިޔަވައިދެއްވަމުން ގެންދަވައެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ޚާއްޞަ 2 ސްކޫލް ވަނީ ޤާއިމް ކުރައްވާފައެވެ.