ކުޅިވަރު

އައިސީސީ ވޯލްޑް ކްރިކެޓް ލީގުން ޖާގައެއް ރާއްޖެއިން ހޯދަނީ


އައިސީސީ ވޯލްޑް ކްރިކެޓް ލީގުން ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ބުނެފިއެވެ. 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން މަޢުލުމާތުދެއްވި ގޮތުގައި މިދިޔަ އަހަރު ތަޢާރަފް ކުރި އައިސީސީ ވޯލްޑް ކްރިކެޓް ލީގުގައި ބައިވެރިވާ ޓީމްތަކުގެ ނަންތައް ހާމަކުރިއިރު، ރާއްޖޭގެ ނަން ނެތްކަން ފާހަގަކުރެވިފައިވާކަމަށެވެ. މިލީގުގައި ބައިވެރިވުމަށް އެދި ރާއްޖޭގެ ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު އަފްލާހު ވަނީ ސްރީލަންކާގެ ކްރިކެޓް ބޯޑްގެ ރައީސްއަށް ހާއްސަ ސިޓީއެއް ފޮނުއްވާފައެވެ. ސްރީލަންކާގެ ކްރިކެޓް ބޯޑްގެ ރައީސް ތިލަންގަ ސުމިތަޕާލާއަކީ އައިސީސީ ޑިވޮލޮޕްމަންޓް ކޮމެޓީގެ ޗެއާރމަންވެސްމެއެވެ. ކްރިކެޓް ބޯޑުން މަޢުލުމާތުދެއްވި ގޮތުގައި މިއަންނަ މާޗް މަހުގެ ތެރޭގައި ދުބާއީގައި އޮންނަ އައިސީސީ ބައްދަލުވުމުގައި މިސީޓީއާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމަށާއި، އެބައްދަލުވުމަށްފަހު ރާއްޖެއަށް އައިސީސީ ވޯލްޑް ކްރިކެޓް ލީގުން ފުރުސަތު ލިބޭނެކަމަށް އުއްމީދުކުރެވޭކަމަށެވެ. 

ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު އަފްލާހުއާއި، ޤައުމީ ކްރިކެޓް ޓީމްގެ ކޯޗް ނިލަންތަ ކޫރޭވަނީ މިދޔަ ހަފްތާގައި އައިސީސީގެ އިސް އޮފިޝަލުންނާވެސް ބައްދަލުކުރައްވާފައެެވެ. 50 އޯވަރުގެ އައިސީސީ ވޯލްޑް ކްރިކެޓް ލީގު ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޭޕްރީލް މަހުއެވެ. އައިސީސީ އޭޝިޔާ ޑިވިޝަން ވަންގައި ރާއްޖެ ހިމެނޭއިރު، މިމުބާރާތުން ދެ ޓީމަށް އޭސީސީ ޑިވިޝަން ވަންއަށް ކޮލިފައިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.