ކުޅިވަރު

އަންނަ މަހު ތިމަރަފުށީ ޓީޓީ އެކަޑަމީ ރަސްމީކޮށް ފަށަނީ


ތިމަރަފުށީގައި ޤާއިމްކޮށްފައިވާ ޓީޓީ އެކަޑަމީ، އަންނަ މަހުގެ ތެރޭގައި ރަސްމީކޮށް ފެށިގެން ދާނޭ ކަމަށް ތިމަރަފުށީ ޔޫތު ސެންޓަރުން ބުނެފިއެވެ.

 ތިމަރަފުށީ ޔޫތު ސެންޓަރާއި ޓީޓީ އެސޯސިއޭޝަނާއި ގުޅިގެން ޤާއިމްކޮށްފައިވާ މި އެކަޑަމީއަކީ ތިމަރަފުށީގައި ޓީޓީ ކުރިއެރުވުމާއި، އަދި ޤައުމީ ފެންވަރުގައި ވާދަ ކުރެވޭނެ ފަދަ ކުޅުންތެރިން އުފެއްދުމަށް މަސައްކަތް ކުރުމުގެ ގޮތުން ޤާއިމްކުރި އެކަޑަމީއެއްކަމަށް ތިމަރަފުށީ ޔޫތު ސެންޓަރުން ބުނެއެވެ. ތިމަރަފުށީ ޔޫތު ސެންޓަރ ހިންގެވުމާއި ހަވާލުވެހުންނެވި އަޙުމަދު ނާޞިރު ވިދާޅުވީ، އެކަޑަމީން ހިންގާ ތަމްރީން ތަކުގެ ސަބަބުން ޓީޓީ ކުޅުންތެރިންތެރިންނަށް ބޮޑު ކުރިއެރުމެއް ލިބެމުން އަންނަ ކަމަށާއި، އުންމީދަކީ މިއަހަރު މާލޭގައި ބާއްވާ ޓީޓީ މުބާރާތްތަކުގައި ތިމަރަފުށީ ޔޫތު ސެންޓަރުން ވާދަ ކޮށް ރަނގަޅު ކާމިޔާބީއެއް ހޯދުންކަމުގައެވެ. 

"އަޅުގަނޑުމެންގެ އުންމީދަކީ މިއަހަރު ރަނގަޅު ކުޅުންތެރިންތަކެއް އުފައްދައި ރާއްޖޭގައި އޮންނަ މުބާރާތްތަކުގައި އެކި އުމުރުފުރާތަކުން މި ސެންޓަރުން ކުދިން ބައިވެރި ކުރުން. އިރާދަކުރެއްވިއްޔާ ރަނގަޅު ކުޅުންތެރިންކޮޅެއް ތައްޔާރުކޮށް އަޅުގަނޑުމެން ރަނގަޅު ކާމިޔާބީއެއް ހޯދާނަން" އަޙުމަދު ނާޞިރު ވިދާޅުވިއެވެ. 

މިދިޔަ ހަފްތާގައި ތިމަރަފުށީ ޔޫތު ސެންޓަރުން ވަނީ ޓީޓީ މުބާރާތެއްވެސް ފަށާފައެވެ.