ތަޢުލީމު

ހުރިހާ ސާނަވީ ސްކޫލެއްގައި ބީޓެކް ސްޓްރީމަށް ކިޔަވައިދޭން ފަށަަނީ


ބިޒްނަސް އެންޑް ޓެކްނޮލޮޖީ އެޑިއުކޭޝަން ކައުންސިލް ،ބީޓެކް ސްޓްރީމް ނުފެށި ހުރި ހުރިހާ ސާނަވީ ސްކޫލެއްގައި އެ ޕްރޮގްރާމް ފެއްޓެވުމަށް އެންމެ ފަހުގެ ތައްޔާރީތައް ކުރައްވަމުން ގެންދަވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެގޮތުން ބީޓެކް ސްޓްރީމް ނުފެށި ހުރި 27 ސާނަވީ ސްކޫލެއްގައި މިއަހަރު އެ ސްޓްރީމް ފެއްޓެވުމަށް ޓީޗަރުން ތަމްރީނު ކުރެއްވުމުގެ ޕްރޮގްރާމެއް މިދިޔަ ހުކުރު ދުވަހު ވަނީ ފަށްޓަވާފައެވެ. މި ތަމްރީނުތަކުގައި 63 ޓީޗަރުން ބައިވެފައިވެއެވެ. މުޅި ރާއްޖެއަށް ބީޓެކް ފުޅާކުރެއްވުމަށް އެ މިނިސްޓްރީން ކުރައްވާ މަސައްކަތުގެ ދަށުން ރާއްޖޭގެ ގިނަ ސާނަވީ ސްކޫލްތަކުގައި އެ ޕްރޮގްރާމް ވަނީ ފަށްޓަވާފައެވެ.

މި ޕްރޮގްރާމަކީ އެއްވެސް ކުއްޖަކު ބާކީނުކޮށް، ތަޢުލީމް ދިނުމުގެ ސިޔާސަތުގެ ދަށުން، ދަރިވަރުންނަށް އިތުރު ފުރުޞަތުތަކެއް ފަހިކޮށްދެއްވުމަށްޓަކައި ތަޢާރަފު ކުރައްވާފައިވާ ޕްރޮގްރާމެކެވެ. ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދެއްވާ 4 ވަނަ ސްޓްރީމްގެ ގޮތުގައި ބީޓެކް ސްޓްރީމް ތަޢާރަފު ކުރައްވާފައިވަނީ 2014 ވަނަ އަހަރުއެވެ.