ޚަބަރު

ބޭނުންވަނީ، ތަރައްޤީއާއެކު ތަހްޒީބީ، އަމާން މުޖުތަމަޢެއް- ރައީސް


ސަރުކާރުން ބޭނުންވަނީ ޢުމްރާނީ ތަރައްޤީއާއި، ރައްޔިތުންގެ ތަހްޒީބާއި ޞިއްޙީ ދުޅަހެޔޮކަމުގެ ތެރެއިން ރާއްޖޭގައި ޒަމާނީ މުޖުތަމަޢެއް ބިނާކުރެއްވުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، މުލަކަތޮޅު ދިއްގަރުގެ ފެނުގެ ނިޒާމު އިފްތިތާޙްކޮށްދެއްވުމަށްފަހު، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ކުރީގެ ސަރުކާރުތަކުންވެސް ރައްޖޭގެ ރަށްރަށަށް މުހިއްމު ކަންކަން ކުރައްވާފައިވާކަމަށެވެ. އެހެންނަމަވެސް އަދިވެސް ރައްޔިތުންނަށް ބޭނުންވާ ތަރައްޤީއާ ގުޅުންހުރި، މުހިއްމު މަޝްރޫޢުތައް ފުރިހަމަ ކުރެވިފައި ނުވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރައްވަނީ، އެފަދަ ތަރައްޤީގެ މަޝްރޫޢުތައް ރަށްރަށުގައި ހަލުވި ސްޕީޑުގައި ކުރިއަށް ގެންދަވަންކަމުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދިލްޤައްޔޫމް ވަނީ ބަޔާންކުރައްވާފައެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ރަށްރަށަށް ބޭނުންވާ ތަރައްޤީގެ ކަންކަން ކުރިއަށް ގެންދެވުމުގައި ސިޔާސީ ފިކުރު އިސްކޮށްފިނަމަ ދަތިތަކާ ކުރިމަތިވާކަމަށެވެ. ނަމަވެސް ދިއްގަރުފަދަ ރަށްރަށުން ސަރުކާރަށް ލިބިވަޑައިގަންނަވާ އެއްބާރުލުމުގެ ސަބަބުން އެފަދަ މަޝްރޫޢުތަށް ކުރިއަށް ގެންދަވަން ފަސޭހަވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ރަށްރަށަށް ބޭނުންވަނީ މުޒާހަރާތައް ނޫންކަމަށާއި، ބޭނުންވަނީ، ތަރައްޤީއާއެކު ތަހްޒީބީ، އަމާން މުޖުތަމަޢެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބޭރުގެ ޤައުމުތަކުގެ ޙިމާޔަތް ހޯއްދަވައި، އަމިއްލަ ޤައުމަކީ ޢަދުއްވެއްކަމަށް ޤަބޫލުކުރައްވައިގެން ބައެއް ބޭފުޅުން ވާހަކަ ދެއްކެވުން އެއީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ތަރައްޤީގެ ބޮޑެތި މަސައްކަތްތައް ކުރައްވަމުން ގެންދަވާއިރު އިދިކޮޅު ފަރާތްތަކުން އެމަސައްކަތް ހުއްޓުވުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވަނީ ތުހުމަތުކުރައްވާފައެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް އެހީވާ ފަރާތްތަކަށާއި ރާއްޖޭގައި އިންވެސްޓްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް ރާއްޖެއާބެހޭ ދޮގު މަޢުލޫމާތުދީ، ދިވެހިންގެ ތަރައްޤީއަށް ހުރަސްއެޅުމަށް، ދިވެހިންގެ ބަޔަކު ރާއްޖެއިން ބޭރުގައި މަސައްކަތްކުރާކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވިއެވެ.

މިފަދަ ޢަމަލުތަކާ އެކުވެސް ރައީސް ޔާމީންގެ މަސައްކަތްޕުޅުން މިހާރު، ރާއްޖޭގެ ތަރައްޤީގެ ދުވެލި ކުރިއަށްވުރެ ހަލުއިކުރައްވާފައިވާކަމަށް، މިނިސްޓަރ ތާރިޤް އިބްރާހީމް ސިފަކުރެއްވިއެވެ. އަދި ދިވެހި ރައްޔިތުން ބޭނުންވަނީ މީހަކު ދައްކާ ވާހަކަތަކަށްވުރެ ތަރައްޤީކަން މިނިސްޓަރ ތާރިޤް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މުލަކަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ ތިންރަށުގައި މިހާރު ނިމިފައިވާ ތަރައްޤީގެ މަޝްރޫޢުތަށް އިފްތިތާޙްކޮށްދެއްވުމުގެ އިތުރުން، އައު ބައެއް މުހިއްމު މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.