ޚަބަރު

ސީ.އެސް.ސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


ސިވިލް ސަރވިސް ކޮމިޝަނުގެ ހުސްވެފައިވާ މެމްބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައްޔިތުންގެ މަޖިލީހުން ހުޅުއްވާލައްވައިފިއެވެ. 

ސިވިލް ސަރވިސް ކޮމިޝަނުން ހުސްވެފައިވާ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިލަޔަށް ހުޅުވާލައްވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ. 

ސީއެސްސީގެ މެމްބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ޙާޞިލުކުރުމާއި ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރުދުވަހުގެ ތަޖުރިބާ ހުންނަންޖެހެއެވެ. މީގެއިތުރުން އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައި ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ޖިނާޢީ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރު ދުވަހުގެތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުންވެސް ހިމެނެއެވެ. 

ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައި މިވަނީ އެކޮމިޝަނުގެ މެންބަރަކަށް ހުންނެވި ޖަމީލާ ޢަލީ ޚާލިދު، ރާއްޖެއިން ޖަރުމަނުވިލާތަށް ކަނޑައަޅާ ސަފީރުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މިދިޔަމަހު ޢައްޔަނު ކުރެއްވުމާ ގުޅިގެންނެވެ.