ކުޅިވަރު

އިތުރަށް ވަރުގަދަކޮށް ރެޑްލައިން ދެން ފެންނާނީ އަންނަ އަހަރު


ރެޑްލައިން ބާސްކެޓް ކްލަބް މިއަހަރު ނުފެންނާނެކަމަށާއި، އިތުރަށް ވަރުގަދަކޮށް އަންނަ އަހަރު އެނބުރި އަންނާނެކަމަށް އެކްލަބުން ބުނެފިއެވެ.ކްލަބްގެ ސީނިއަރ ކުޅުންތެރިން ކްލަބް ދޫކޮށްލުމާއި ގުޅިގެން އެކްލަބްގެ ޑިރެކްޓަރ ބާސްކެޓްބޯލް އިބްރާހީމް ހުސެއިން ބުނީ ރެޑްލައިންއަކީ ބްރޭންޑެއްކަމަށާއި، އެބްރޭންޑް އޮންނާނެކަމަށެވެ. ނަމަވެސް މިއަހަރުގެ އެއްވެސް މުބާރާތެއްގައި ކްލަބް ވާދަނުކުރާނެކަމަށް އޭނާ ބުންޏެވެ.

" ކުޅުންތެރިން ބޭނުންވާގޮތަށް ކުޅުންތެރިން ދޫކޮށްލާފަ މިހާރު އެތިބީ. ކުޅުންތެރިންނާ އަޅުގަނޑުމެންނާ އެއްވެސް މައްސަލައެއް ނެތް، ރަށްޓެހިކަން، އެގުޅުން ބަރާބަރަށް އޮންނާނެ " އިއްބެ ބުންޏެވެ.

ރެޑްލައިން ކްލަބުން ވަނީ މިދިޔަ އަހަރުތަކުގައި އެކްލަބަށް އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. ޚާއްޞަކޮށް ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމްއާއި، އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމްގެ އެހީތެރިކަން އެކްލަބުން ފާހަގަކުރިއެވެ. 

މިދިޔަ ހަ އަހަރު ބާސްކެޓްގެ ގަދަ ބާރެއްގެ ގޮތުގައި އޮތް ރެޑްލައިންގެ މުޙިންމު ކުޅުންތެރިން ވަނީ އެކްލަބް ދޫކޮށް، މިހަފްތާގައި ރަޖިސްޓްރީ ކުރި ކިންގްސް ބާސްކެޓް ކްލަބަށް ބަދަލުވެފައެވެ.