ތަޢުލީމު

އީވް ކުންފުނީގެ ފަރާތުން ސްކޫލްތަކަށް ޑަސްބިން ހަދިޔާކޮށްފި


ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ އީވް ކުންފުނިން ރާއްޖޭގެ ސްކޫލްތަކަށް ޑަސްބިން ހަދިޔާކޮށްފިއެވެ.

އީވް ކުންފުނީގެ ފަރާތުން ސްކޫލްތަކަށް ހަދިޔާކުރީ 240 ޑަސްބިނެވެ. މިއީ 475،000 ރުފިޔާގެ ޑަސްބިނެވެ. ޑަސްބިންތަކާއި ޙަވާލުވެވަޑައިގަތުމަށްފަހު އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ދެއްކެވި ވާހަކަފުޅުގައި، ދަރިވަރުން އުޅޭ މާޙައުލު ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މުހިންމުކަން އަންގައިދީ، ސްކޫލް މާޙައުލު ސާފުތާހިރުކޮށް ބޭއްވުމުގައި ދަރިވަރުންގެ ޙިއްޞާ އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ ސްކޫލްތަކުގައި މިދަނީ ގިނަ ޙަރަކާތްތަކެއް ހިންގަމުން. މިޙަރަކާތްތަކަށް ބާރުދޭ ކަމެއްގެ ގޮތުގައި ދަރިވަރުން އުޅޭ މާހައުލު ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މުހިންމުކަން އަންގައިދީ މިކަން ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށްޓަކައި ސްކޫލް ޙިއްސާވާ ހުރިހާ ފަރާތްތަކެއް ގުޅީގެން މަސައްކަތް ކުރުން ވަރަށް މުހިންމު. ދަރިވަރުން އެކުދިންގެ ދުވަހުގެ ބޮޑު ބައެއް ސްކޫލްގައި ހޭދަކުރާއިރު ކޮންމެ ދަރިވަރެއްގެވެސް އަދި ސްކޫލްގައި އުޅުއްވާ ކޮންމެ ބޭފުޅެއްގެވެސް އަމާޒަކަށްވާންވާނީ ސްކޫލް މާހައުލަކީ ސާފުތާހިރު އަމާން ރައްކާތެރި މާހައުލަކަށް ހެދުން،" އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ. img:http://s4.psmnews.mv/images/660x400/14850802922752.jpg|އީވް ކުންފުނިން ރާއްޖޭގެ ސްކޫލްތަކަށް ޑަސްބިން ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް - ފޮޓޯ: ޕީއެސްއެމް

މިނިސްޓަރގެ ވާހަކަފުޅުގައި، ދަރިވަރުންނަށް ތަޢުލީމް ދިނުމުގައި އަމިއްލަ ފަރާތްތަކުގެ ޙިއްޞާ ބޮޑުކަން ފާހަގަކުރައްވައި، އީވްގެ ފަރާތުން ސްކޫލްތަކަށް ޑަސްބިން ހަދިޔާކުރި ކަމަށްޓަކައި އެ ކުންފުންޏަށް ޝުކުރު އަދާކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އީވްގެ ޑިރެކްޓަރ އަޙްމަދު މުސާޢިދު ވިދާޅުވީ، މިއީ އެކުންފުނީގެ ދަށުން ހިނގަމުން އަންނަ ހުރިހާ ތަނެއް ގުޅިގެން، ކުންފުނީގެ ސީއެސްއާރްގެ ދަށުން ހަދިޔާކުރި ޑަސްބިންތަކެއް ކަމަށެވެ.

"ކުނީގެ މައްސަލައަކީ ބޮޑު ކްރައިސިސްއެއް. އީވްގެ އިން ނިންމީ ސަރުކާރާ ގުޅީގެން މިފަދަ ކަންކަމުގައި އެހީތެރިވެދޭން. ކުންފީނިގެ ސީއެސްއާރް ޕްރޮޖެކްޓެއްގެ ގޮތުގައި ނިންމީ ޑަސްބިން ހަދިޔާކުރަން،" އީވް ކުންފުނީގެ ޑިރެކްޓަރ އަޙުމަދު މުސާއިދު ވިދާޅުވިއެވެ. img:http://s1.psmnews.mv/images/660x400/14850803654121.jpg|އީވް ކުންފުނިން ރާއްޖޭގެ ސްކޫލްތަކަށް ޑަސްބިން ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އީވް ކުންފުނީގެ ޑިރެކްޓަރ އަޙުމަދު މުސާއިދު - ފޮޓޯ: ޕީއެސްއެމް

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ޑަސްބިންތައް ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރާއްޖޭގައި 212 ސްކޫލް އެބަހުއްޓެވެ. ޑަސްބިން ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނާއި އީވް ކުންފުނީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.