ކުޅިވަރު

ދިގުމުއްދަތަށް މިއަހަރު ކުޅުންތެރިން ބޭރަށް ނުދާނެ - ބެޑްމިންޓަން


މިއަހަރު ދިގު މުއްދަތަށް ކުޅުންތެރިން ރާއްޖެއިން ބޭރަށް ނުފޮނުވާ، ރާއްޖޭގައި ކުޅުންތެރިން ތަމްރީންކުރަން ބެޑްމިންޓަން އެސޯސިއޭޝަނުން ނިންމައިފިއެވެ. 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރަން މެޑަލްއެއް ހޯދުމަށް އަޒުމް ކަނޑައަޅާ ޤައުމީ ބެޑްމިންޓަން ޓީމް މިހާރު ވަނީ ފަރިތަކުރުންތައް ފަށާފައެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ އިޝްފާން މުހައްމަދު ވިދާޅުވީ މިއަހަރު ޤައުމީ ބެޑްމިންޓަން ޓީމްގެ އެއްވެސް ކުޅުންތެރިއަކު ދިގު މުއްދަތަށް ޤައުމުން ބޭރުގައި ޓްރެއިނިންގް ކުރިއަށް ނުގެންދާނެކަމަށާއި، ޓީމްގެ ކުޅުންތެރިން ފަރިތަކުރުންތައް ކުރިއަށްގެންދާނީ މާލޭގައިކަމަށެވެ. އެސޯސިއޭޝަންގެ އެންމެ ބޮޑު ބޭނުމަކީ މިފަދަ ބޮޑު މުބާރާތަކަށް ޤައުމީ ޓީމް ތައްޔާރުވާއިރު، އެސޯސިއޭޝަންގެ އިސްވެރިންގެ ބެލުމުގެ ދަށުން ކުޅުންތެރިން ފަރިތަކުރުންތައް ކުރިއަށް ގެންދިއުންކަމަށެވެ. ކުޅުންތެރިން ރަނގަޅަށް މޮނީޓަރ ކުރެވޭނީ އަމިއްލަ ޤައުމުގައި ފަރިތަކުރުންތައް ކުރިއަށް ގެންދެވިގެންކަމަށްވެސްް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ އިޝްފާން މުހައްމަދު ވިދާޅުވިއެވެ.

"މިފަހަރު ބޭނުންވަނީ ކުޅުންތެރިންގެ ފަރިތަކުރުންތައް ވަރަށް ގާތުން ބަލަން. ކުޅުންތެރިންގެ ކޮންމެ ފިޔަވަޅެއްވެސް މޮނިޓަރ ކުރަން. ފަރިތަކުރުންތައް ކުރިއަށްދާނީ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު، އަދި ޖެނެރަލް ސެކެޓްރީގެ ބެލުމުގެ ދަށުން. އެހެން މީހަކަށް ގައުމީ ޓީމްގެ ކަންތައްތަކާ ބެހުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ. އަޅުގަނޑުމެން ބޭނުންވަނީ ވަރަށް ސީރިއަސްކޮށް މިފަހަރު މިކަންކުރަން. ހައިޕޯފޯމަންސް ކޯޗަކާއެކު ކޮންމެ ކުޅުންތެރިއެއްވެސް މަދުވެގެން ކޮންމެ ދުވަހަކުވެސް 4 ގަޑިއިރު ޓްރެއިން ކުރާނެ." އިޝްފާން ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14850655715931.jpg|ައައިއޯއައިޖީގައި ގައުމީ ބެޑްމިންޓަން ޓީމް (ފޮޓޯ:އެމްއޯސީ)

2015ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ގައުމީ އަންހެން ބެޑްމިންޓަން ޓީމްވަނީ ލޯ މެޑަލް ހޯދާފައެވެ. ފިރިހެން ޓީމް ވަނީ ޓީމް އިވެންޓުން ރިހި މެޑަލް ހޯދާފައެވެ. އަދި އިންޑިވިޖުއަލް ބައިން މުހައްމަދު އަޖުފާންވަނީ ލޯ މެޑަލް ހޯދާފައެވެ. ޖެނެރަލް ސެކެޓްރީ އިޝްފާން މުހައްމަދު ވިދާޅުވީ ރާއްޖެއިން ބޭރަށް ކުޅުންތެރިން ނުފޮނުވިނަމަވެސް ޤައުމީ ޓީމްގެ ގިނަ ކުޅުންތެރިން މިއަހަރުވެސް ރާއްޖެއިން ބޭރުގައި ވަރަށް ގިނަ މުބާރާތްތަކުގައި ބައިވެރިވާނެއެވެ. އަދި މިއަހަރު އެސޯސިއޭޝަންގެ ވިސްނުންހުރީ ޤައުމީ ޓީމްގެ ކުޅުންތެރިން ބައިވެރިވާ މުބާރާތްތައް ފެށުމުގެ ހަފްތާއެއް ނުވަތަ ދެ ހަފްތާކުރިން މުބާރާތް ކުޅޭ ގައުމަށް ފޮނުވަންކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ އިޝްފާން މުހައްމަދު ވިދާޅުވިއެވެ. އޭގެ އެންމެ ބޮޑު ބޭނުމަކީ އެގައުމަށް ހޭނުމާއި، މުބާރާތް ކުޅޭ ޤައުމުގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްފަހު، މުބާރާތް ކުޅުމުގެ ފުރުޞަތު ދިނުމެވެ. 

img:http://s4.psmnews.mv/images/660x400/14850656062838.jpg|ައައިއޯއައިޖީގައި ގައުމީ ބެޑްމިންޓަން ޓީމް (ފޮޓޯ:އެމްއޯސީ)

"މިއަހަރު މިބަލަނީ ހަތް މުބާރާތެއްގައި ބައިވެރިވެވޭތޯ. ކޮންމެ މުބާރާތަކަށްވެސް ހަތަރު ކުޅުންތެރިން ފޮނުވޭތޯ މަސައްކަތް ކުރާނަން. މިއަހަރު ބައިވެރިވާން ގަސްތުކޮށްފައި އޮތީ އެފްރީކާގައި އޮންނަ މޮރިޝިއަސް ޗެލެންޖް. ބަނގްލަދޭޝް، ސްރީލަންކާ، ނޭޕާލް އަދި ޕާކިސްތާން ޗެލެންޖް. އަދި ބީއޭސީ ޗެންޕިއަންޝިޕަށްވެސް މަދުވެގެން ހަތަރު ކުޅުންތެރިން ފޮނުވުމަށް މަސައްކަތް ކުރާނަން. މިމުބާރާތް ތަކުގެ އިތުރުން ސްރީލަންކާ އަދި އިންޑޮނޭޝިޔާގައި ކޭންޕްކޮށް މެޗުތަކެއް ކުޅުމަށްވެސް ހަމަޖެހިފައިވޭ." މިއަހަރު ހުރި ފުރުޞަތުތައް އިޝްފާން ޙިއްޞާކުރެއްވިއެވެ.

ޤައުމީ ބެޑްމިންޓަން ޓީމްގެ ކުޅުންތެރިން ފަރިތަކުރުންތައް ފަށާފައިވަނީ އިންޑޮނޭޝިޔާގެ ހައި ޕޯފޯމަންސް ކޯޗަކާއެކުއެވެ. އިންޑޮނޭޝީޔާގެ ފައިޒަލްއަކީ އިންޑިޔާގެ އެންމެ މޮޅު އެއް އެކަޑަމީކަމަށްވާ ޓޮމްސް އެކަޑަމީގެ އެއް ކޯޗެވެ. މިދިޔަ އަހަރު ރާއްޖޭގެ ޤައުމީ ބެޑްމިންޓަން ޓީމްގެ ބައެއް ކުޅުންތެރިން އިންޑިޔާގެ ޓޮމްސް އެކަޑަމީއަށް ތަމްރީން ހެދުމަށް ދިޔަ ދުވަސްވަރު، ޤައުމީ ޓީމަށް ކޯޗު ކޮށްދީފައިވަނީ ފައިޒަލްއެވެ.