ޚަބަރު

ސްޓެލްކޯއަށް 8 މެގަވޮޓްގެ ޖަނަރޭޓަރެއް ގެނެސްފި


މާލޭގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށްޓަކައި 8 މެގަވޮޓްގެ ޖަނަރޭޓަރެއް ސްޓެލްކޯ އިން ގެނެސްފިއެވެ.

މިއީ ފިންލޭންޑްގެ ވަޓްސަލާ ކުންފުނިން ގެނައި ޖަނަރޭޓަރެކެވެ.

ސްޓެލްކޯގެ ސީނިއަރ އިންޖިނިއަރ އިބްރާހީމް ރައޫފް ވިދާޅުވީ މި ޖަނަރޭޓަރު މިރޭގެ ވަގުތެއްގައި ސްޓޭލްކޯގެ ސައިޓަށް ގެންގޮސް އިންސްޓޯލްކުރުމުގެ މަސައްކަތް ފަށާނެކަމަށާއި މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި މި ޖަނަރޭޓަރު ބޭނުންކުރަން ފެށޭނެކަމަށެވެ. އަދި މިޖަނަރޭޓަރު ހިންގަން ފެށުމަށް ބޭނުންވާ ސާމާނުތައް ބެހެއްޓުމުގެ މަސައްކަތް މިހާރުވެސް ފަށައިގެންކުރިއަށްދާކަން ރައޫފް ފާހަގަކުރެއްވިއެވެ.

އަލަށް ގެނައި ޖަނަރޭޓަރާއެކު ހޫނު މޫސުމުގައި މާލޭގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތަކަށް ޙައްލު ލިބިގެންދާނެކަމަށްވެސް ރައޫފް ވިދާޅުވިއެވެ.

ސްޓެލްކޯގައި މިހާރު ހުރި 26 ޖަނަރޭޓަރުން ގާތްގަނޑަކަށް 64 މެގަވޮޓްގެ ކަރަންޓް މާލެއަށް ފޯރުކޮށްދެއެވެ. އަލަށް ގެނައި ޖަނަރޭޓަރާއެކު މާލޭގެ ކަރަންޓްގެ ކެޕޭސިޓީ ގާތްގަނޑަކަށް 70 މެގަވޮޓަށް އިތުރުވެގެންދާނެއެވެ.