ކުޅިވަރު

ކިންގްސް ބީސީ، ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ތަޞައްވަރާއެކު !


މިފަހުގެ ތާރީޚަށް ބަލާއިރު ދިވެހި ބާސްކެޓްބޯޅައިގެ އެންމެ ވާދަވެރި ދެ ނަމަކީ ޓީރެކްސްއާއި ރެޑްލައިންއެވެ. ހަރިކޭން ބާސްކެޓް ކްލަބަކީވެސް ބާސްކެޓްގެ ފަރިތަ މަޤްބޫލް ނަމެކެވެ. ނަމަވެސް އާންމުގޮތެއްގައި ބާސްކެޓްގައިވެސް ގަދަ ހިފުމަށްދާތަން ފެންނަނީ ދެ ޓީމެކެވެ. 

މި ޖެނުއަރީ މަހުގެ 19 ވަނަ ދުވަހަކީ ގަދަ ހިފުމަށްދާ ޓީމްތައް ބަދަލުކޮށްލުމުގެ ކޮޅުމަތި ފެނުނު ދުވަހެކެވެ. ނުވަތަ ފައިނަލާއި، ޗެމްޕިއަންޝިޕްގެ ވާދަވެރިކަމަށް އާ ޓީމެއް ފާޅުވެގެންދިޔަ ދުވަހެކެވެ. ކުރީގެ ޔޫތް މިނިސްޓަރ އަދި މިހާރު ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރު މުޙައްމަދު ހުސެއިން ޝަރީފް (މުންދު)ގެ މޭސްތިރިކަމުގެ ދަށުގައި އެމަނިކުފާނު ބާސްކެޓް ކްލަބެއް ވުޖޫދަށް ގެންނަވައި، ބާސްކެޓްގެ ވަރުގަދަ ނަންތަކަކާއެކު ޓީމްގެ ޕްރެކްޓިސް މިހާރު ވަނީ ފަށާފައެވެ. 

އަންމަ މަހު އޮންނަ އެމްބީއޭ ޗެމްޕިއަންޝިޕަށްވެސް އެޓީމް ޕްރެކްޓިސް އެފެށީ ސީދާ ތައްޓަށް އަމާޒުކޮށްގެންނެވެ. ޓީމްގެ ފުރަތަމަ މުބާރާތާވެސް ކުރިމަތިލަނީ ސީނިއަރ ކުޅުންތެރިންނާއި، ޖޫނިއަރ ކުޅުންތެރިން ހިމެނޭ މިކްސް ވަރުގަދަ ޓީމަކާއެކުގައެވެ. މުޙައްމަދު ޒިލާލާއި، އަހުމަދު އަފްޝަން ރަޝާދާއި، އިބްރާހީމް އަންފާލް ޝަރީފާއި، އަހުމަދު ފިރާޝް ފަދަ ކުޅުންތެރިންނަކީ ޓީމްގައި ތިބި ސީނިއަރ ކުޅުންތެރިންނެވެ. ކްލަބް ވުޖޫދަށް އައީވެސް މިކުޅުންތެރިންގެވެސް ވަރަށްބޮޑު އެދުމެއްގެ މަތީންނެވެ. ނަމަވެސް މިއީ ކުރިއަށް އޮތް އެމްބީއޭ ޗެމްޕިއަންޝިޕަށް ނުވަތަ ޖެހިގެން ހުރި މުބާރާތްތަކަށް ހަމައެކަނި އަމާޒުކޮށްފައިވާ ކްލަބެއް ނޫނެވެ. 

" މިއީ އަޞްލުގަ ތަންކޮޅެއް ދިގު މުއްދަތުގެ އެކްސްޕެރިމެންޓެއް. އަޅުގަނޑުމެންގެ އަމާޒަކީ ފެށޭމަހު އޮންނަ މުބާރާތް ކާމިޔާބުކުރުން، ނޫނިއްޔާ ދެން އޮންނަ މުބާރާތްތައް ކާމިޔާބުކުރުން އެކަންޏެއްނޫން. އިރާދަކުރެއްވިއްޔާ ރަނގަޅު ނަތީޖާތަކެއް ލިބޭނެ. އެހެން ނަމަވެސް އެއަށްވުރެ ދުރަށް އަޅުގަނޑުމެން މިވިސްނަނީ. " ކްލަބްގެ އެއް މަސްއޫލުވެރިޔާ މުޙައްމަދު ހުސެއިން ޝަރީފް ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14850588482575.jpg|ކިންގްސް ބީސީގެ ދެ މުއައްސިސުންނާއި ކޯޗާއެކު، ޓީމްގެ މެނޭޖްމަންޓް: ފޮޓޯ-ޕީއެސްއެމް ( މުޙައްމަދު ވަހީދު )

މުންދު ޤަބޫލުކުރައްވާގޮތުގައި ބާސްކެޓަކީ ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް އެންމެ ރީތިނަން ހޯދައިދޭނެ ކުޅިވަރެވެ. އެވަރުގެ ހުނަރުވެރި ކުޅުންތެރިން އެބަތިއްބެވެ. އަރަމުން އަންނަ ޖީލުގައިވެސް އެފަދަ ކުޅުންތެރިން ތިބިކަމަށް ފާއިތުވި ދެ އަހަރު ގިނަ ވަގުތުތަކެއް ބާސްކެޓް ކޯޓްގައި ހޭދަކުރެއްވި މުންދު ވިދާޅުވިއެވެ. މުންދުގެ އަމާޒަކީ ކިންގްސް ބީސީގެ ތެރެއިން އެފަދަ ކުޅުންތެރިންނަށް ފުރުޞަތު ހޯއްދަވައިދެއްވުމެވެ. ސީނިއަރ ކުޅުންތެރިންނާއެކު ކުޅުމުގެ ތަޖުރިބާ ޒުވާން ކުޅުންތެރިންނަށް ހޯއްދަވައިދެއްވުމެވެ. އެގޮތުން ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ ނެތް ނަމަވެސް އެހުނަރު ހުރި ކުޅުންތެރިން ސްކޮޑްގައި މިހާރުވެސް ހިމަނާފައިވާކަމަށް މުންދު ވިދާޅުވިއެވެ. 

ރާއްޖެއިން ބޭރުންވެސް އެކުޅުންތެރިންނަށް ފުރުޞަތު ހޯއްދަވައިދެއްވައި، ކްލަބް ރާއްޖެއިން ބޭރުގައި ތަމްރީން ހޯދުމަކީ މުންދުގެ އަމާޒެވެ. 

" އަޅުގަނޑުމެން ބޭނުންވޭ މިކްލަބް ރާއްޖެއިން ބޭރަށް ގެންގޮސް ފަރިތަކުރުންތަކެއް ބާއްވަން. އަޅުގަނޑުމެން މަސައްކަތް އެބަކުރަން ބައެއް ޤައުމުތަކުގެ ޓްރެއިނިންގއަށް އަޅުގަނޑުމެން ޕްލޭސް ކުރެވޭކަހަލަ ގޮތެއްވެސް ހެދޭތޯ. " ބޭރުން ފުރުޞަތު ހޯއްދަވައިދެއްވުމުގެ މަސައްކަތް ފައްޓަވާފައިވާކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވިއެވެ. 

އެކަޑަމީއެއް ފަންކްޝަން ނުކުރި ނަމަވެސް ޓީމްގެ ކޯޗާއި، ކުޅުންތެރިންނާއެކު ކުޅުމުގެ ފުރުޞަތުވެސް އަރަމުން އަންނަ ކުޅުންތެރިންނަށް ހޯއްދަވައިދެއްވާނެކަމަށް މުންދު ވިދާޅުވިއެވެ.

ކިންގްސް ބީސީއަށް ސީނިއަރ ކުޅުންތެރިން ބަދަލުވީވެސް ބޮޑެތި އުއްމީދުތަކަކާއެކުގައެވެ. ބާސްކެޓްގެ ކުރިމަގަށްޓަކައި، ދިގުމުއްދަތަށް ކުރެވޭ އުއްމީދުތަކެއްގެ ސަބަބުންނެވެ. ޓީމްގެ ކެޕްޓަން އަދި ރާއްޖޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ މުޙައްމަދު ޒިލާލް ބުނީ މިއީ ތަފާތު ސިސްޓަމަކަށް، ތަންކޮޅެއް ޕްރޮފެޝަނަލްކޮށް މިކަން ގެންދިއުމަށް ގެނައި ބަދަލެއްކަމަށެވެ.

" މެނޭޖްމަންޓްގެ ވިސްނުމާއި، ޒިލާމެން ސީނިއަރ ކުޅުންތެރިންގެ ވިސްނުމާވެސް ވަރަށް ގުޅޭ. ބޭނުންވަނީ ތަންކޮޅެއް ޕްރޮފެޝަނަލްކޮށް ދިގުމުއްދަތަށް ޓީމެއް ސަސްޓެއިންކުރެވޭތޯ ބެލުން. އެއީ ޒިލާމެން ހުއްޓާލާއިރުވެސް ކުރިމަގުގައި ކުޅެން އުޅޭ ކުޅުންތެރިންނަށްވެސް ރަނގަޅުގޮތްތަކެއް، ޕްރޮފެޝަނަލް ބާސްކެޓްގައި ދާއިމީކޮށް އެއްޗެއް ލިބޭނެ ގޮތަކަށް މިކަންތައްތައް ކުރުން." ޒިލާ ބުންޏެވެ. 

img:http://s1.psmnews.mv/images/660x400/14850588996640.jpg|ކިންގްސް ބީސީ ޓީމް: ފޮޓޯ-ޕީއެސްއެމް ( މުޙައްމަދު ވަހީދު )

ޓީމް މިހާރު ޕްރެކްޓިސް ފަށާފައިވަނީ ކުރިން ހަރިކޭންއަށް އިރުޝާދުދިން ސްރީލަންކާގެ ކޯޗު ސްރިޔަންތައާއެކުގައެވެ. ނަމަވެސް ކްލަބްގެ އަމާޒަކީ ދިގުމުއްދަތަކަށް ރަނގަޅު ކޯޗަކާއެކު ކުރިއަށް ދިއުމެވެ. އެގޮތުން މިދިޔަ އަހަރު ޤައުމީ ޓީމަށް އިރުޝާދުދިން ސަރބިއާގެ ކޯޗާއެކު ކުރިއަށް ދިއުމުގެ ފުރުޞަތު ބޮޑެވެ. ކްލަބުން އަމިއްލަ މުބާރާތްތައް ރާވާ ހިންގާގޮތަށްވެސް ވަނީ ނިންމާފައެވެ. އަހަރުގެ ކަލަންޑަރު އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ކްލަބުން މައުލޫމާތުދެއްވައެވެ. 

މުންދު ދެއްވާ ޔަޤީންކަމަކީ ބާސްކެޓްބޯޅަ އެސޯސިއޭޝަނާ ގުޅިގެން ބާސްކެޓްގެ ކުރިމަގަށް މަސައްކަތްކުރައްވާނެކަމެވެ. ކްލަބް މެނޭޖްމަންޓަށް އަބަދުވެސް ޝައުޤުވެރިކަން ހުންނަވާ މުންދުގެ އަމިއްލަ ކްލަބެއް ރަޖިސްޓްރީވެ، ހިންގަން ފެށުމަކީ " ތަފާތު ޝުޢޫރެއް " ކަމަށް މުންދު ވިދާޅުވެއެވެ.