ކުޅިވަރު

ރެޑްލައިންގެ ކުޅުންތެރިން މުންދުއާއެކު ކިންގް ބީސީއަށް


ފާއިތުވި ދެ އަހަރު ރެޑްލައިން ކްލަބަށް ކުޅުނު ބާސްކެޓް ކުޅުންތެރިން އަލަށް ރަޖިސްޓްރީ ކުރި ކިންގް ބާސްކެޓް ކްލަބަށް ބަދަލުވެއްޖެއެވެ.

ރެޑްލައިންގެ ކުޅުންތެރިން ބަދަލުވި ކިންގް ބާސްކެޓް ކްލަބަކީ މިދިޔަ ދެ އަހަރު ރެޑްލައިން ހިންގެވުމުގައި ހަރަކާތްތެރިވި ކުރީގެ ޔޫތް މިނިސްޓަރ އަދި މިހާރު ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރު މުޙައްމަދު ހުސެއިން ޝަރީފް ( މުންދު ) ރަޖިސްޓްރީ ކުރެއްވި ކްލަބެކެވެ. މިދިޔަ ބުރާސްފަތި ދުވަހު ހޯމް މިނިސްޓްރީން ރަޖިސްޓްރީކޮށްދެއްވި ކްލަބަށް ބަދަލުވި ކުޅުންތެރިންގެ ތެރޭގައި ޤައުމީ ޓީމްގެ މުޙިންމު ކުޅުންތެރިންތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި މުޙައްމަދު ޒިލާލް، އަހުމަދު އަފްޝަން ރަޝާދު، އަހުމަދު އަންފާލް، އަހުމަދު ފިރާޝް ހިމެނެއެވެ. މީގެއިތުރުން ފުރަތަމަ ޑިވިޝަނަށް އާ ބައެއް ކުޅުންތެރިންވެސް ކިންގް ބާސްކެޓް ކްލަބާ ގުޅިފައިވާކަމަށް މައުލޫމާތުލިބެއެވެ.

ރެޑްލައިންއަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން ކިންގް ބާސްކެޓް ކްލަބަށް ބަދަލުނުވާ މުޙިންމު ދެ ކުޅުންތެރިންނަކީ އަލީ ފަޒްލީއާއި، ހުސެއިން ހަލީމެވެ. އަންނަ މަހު އޮންނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ކިންގް ބާސްކެޓް ކްލަބް މިހާރު ވަނީ ޕްރެކްޓިސްވެސް ފަށާފައެވެ. ކުރިއަށް އޮތް މުބާރާތުގައި ޓީމަށް އިރުޝާދުދޭނީ ކުރިން ހަރިކޭންއަށް އިރުޝާދުދީފައިވާ ސްރީލަންކާގެ ކޯޗު ސްރިޔަންތައެވެ. ކޯޗު ރޭ މާލެއައިސް، ރޭ އޮތް ކްލަބްގެ ފަރިތަކުރުންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޓީމްގެ ކެޕްޓަނަކީ މުޙައްމަދު ޒިލާލެވެ. 

މިދިޔަ ދެ އަހަރުގެ ތެރޭގައި ރެޑްލައިން ވަނީ ތިން މުބާރާތް ކާމިޔާބުކޮށްފައެވެ. މިދިޔަ ދެ އަހަރުވެސް ބާސްކެޓްގައި އެންމެ ބޮޑަށް ވާދަކުރީ ރެޑްލައިންއާއި ޓީރެކްސްއެވެ.