ދުނިޔެ

އެމެރިކާގެ ރައީސްކަމުގެ ހުވާ ޓްރަމްޕް ކުރައްވައިފި


އެމެރިކާގެ 45 ވަނަ ރައީސްކަމުގެ ހުވާ، ޑޮނާލްޑް ޓްރަމްޕް ކުރައްވައިފިއެވެ. 

ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުގެ ވެރިކަމުގެ ހުވާ ޓްރަމްޕް ކުރެއްވީ ރާއްޖެ ގަޑިން މިރޭ ދިހައެއްޖެހިއިރުއެވެ. ރައީސްކަމުގެ ހުވާ ޓްރަމްޕް ކުރެއްވުމުގެކުރިން ނައިބު ރައީސްކަމުގެ ހުވާ، އެމަޤާމަށް އިންތިޚާބްވެވަޑައިގެންނެވި މައިކް ޕެންސްކުރެއްވިއެވެ. 

ޑޮނާލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، ކުރީގެ ރައީސުންނެކޭ އެއްގޮތަށް އެމެރިކާގެ ވެރިރަށް ވޮޝިންގްޓަން ޑީސީގެ ކެޕިޓޮލް ބިލްޑިންގެ ބޭރުގައި އެކަމަށްޓަކައި ތައްޔާރުކުރި ޚާއްސަ ޕްލެޓްފޯމެއްގައެވެ. 

img:http://s1.psmnews.mv/images/660x400/14849330895639.jpg|ޓްރަމްޕް މަޤާމުގެ ހުވާ ކުރައްވަނީ

ޓްރަމްޕްގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް ބަރަކް އޮބާމާގެ ދެކަނބަލުންނާއި، ރައީސް ބިލް ކްލިންޓަންގެ ދެކަނބަލުންނާއި ކުރީގެ ބައެއް ރައީސުންނާއި އެހެނިހެން އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ހުވާކުރެއްވުމުގެ ރަސްމިއްޔާތައްފަހު، އެކަމާ ގުޅުންހުރި އެހެން ހަރަކާތްތައް ފެށިގެންދާނެއެވެ. މިހަރަކާތްތަކުގައި ޓްރަމްޕްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނަވާނެއެވެ.

ޓްރަމްޕުގެ ހުވާކުރުމުގެ ރަސްމިއްޔާތައް އަށް ސަތޭކަ ހާހާއި ނުވަ ސަތޭކަހާހާ ދެމެދުގެ އަދަދަކަށް މީހުން ޖަމާވާނޭކަމަށް އޮފިޝަލުން ލަފާކުރެއެވެ. މިއީ އޮބާމާ ވެރިކަމުގެ ހުވާކުރެއްވި ރަސްމިއްޔާތައް ޖަމާވި 1.8 މިލިއަން މީހުންނަށްވުރެ މަދު އަދަދެއްނަމަވެސް، މިރަސްމިއްޔާތުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. ޓްރަމްޕްގެ ހުވާކުރުމުގެ ރަސްމިއްޔާތުގެ ސަލާމަތީ ކަންކަމަށް ބަލާލާއިރު،  28 ހާސް ސެކިއުރިޓީ އޮފިސަރުން ވޮޝިންގްޓަންގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވިއެވެ.