ޚަބަރު

މާލެ ސާފުކުރުމަށް މީރާއިން ޚާއްޞަ ޙަރަކާތެއް ހިންގަނީ


މާލެތެރެ ސާފުކުރުމުގެ ގޮތުން "ހޭވައްލާ ސާފުކުރަމާ"، މިނަމުގައި ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ހާއްޞަ ޙަރަކާތެއް މާދަމާ ކުރިއަށްގެންދިއުމަށް ނިންމަވައިފިއެވެ.

މިކަމާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ހިއްސާކުރައްވަމުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޓެކްސް ޕޭޔަރ ރިލޭޝަންސް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރ ފާތިމަތު ރަޝާ ވިދާޅުވީ، މާދަމާ ބޭއްވުމަށް ނިންމާފައިވާ މާލެތެރެ ސާފުކުރުމުގެ މި ހަރަކާތުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އިތުރުން މިނިވަން މުއައްސަސާ ތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ސްކޫލުތަކާއި ކޮލެޖުތަކުން ޖުމްލަ އެންހާހަށް ވުރެ ގިނަ މުވައްޒަފުންނާއި ކުދިން ބައިވެރިވާނެކަމަށެވެ.

މިފަދަ ބޮޑު އިވެންޓެއް އިންތިޒާމު ކުރުމުގެ މައިގަޑު މަގްޞަދަކީ މަގުތަކަށާއި ޢާއްމު ތަންތަނަށް ކުނި އެޅުމުގެ އާދަ ހުއްޓުވުމުގައި ފަރުދީ ޒިންމާއެއް އޮތްކަން ހަނދާން ކޮށްދީ، އެންމެން ދިރިއުޅޭ ވެއްޓަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ކޮންމެ މީހަކަށްވެސް ކުރެވެންހުރި ކަންތައްތަކަށް ހޭލުންތެރިކުރުވުން ކަމަށް ރަޝާ ވިދާޅުވިއެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި މިނިސްޓަރ އޮފް އެންވަޔަރމަންޓް އެންޑް އެނަރޖީ ތާރިޤް އިބްރާހިމްވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ސާފްކުރުމުގެ މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުންނެވެ. މިއީ، ދައުލަތުގެ ޓެކްސް އިދާރާއިން ކޮންމެ އަހަރަކުވެސް ހިންގަމުންދާ އިޖުތިމާޢީ ޒިންމާ ގެ ހަރަކާތްތަކުގެ ތެރެއިން މިއަހަރު ހިންގާ ފުރަތަމަ ހަރަކާތެވެ. މީރާއަކީ ދައުލަތުގެ މިނިވަން މުވައްސަސާތަކާ ގުޅިގެން އިޖުތިމާޢީ ޒިންމާގެ ޙަރަކާތްތައް ހިންގުމަށްޓަކައި އުފައްދާފައިވާ "އާރޯ" ގެ މިއަހަރުގެ ޗެއަރއެވެ.