ތަޢުލީމު

އާބާދީ މަދު ރަށްރަށުގެ ސްކޫލްތަކަށް ޓީޗަރުން ތަމްރީނުކުރަނީ


ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދެއްވާ ޓީޗަރުންނަކީ ޤާބިލް ބަޔަކަށް ހެއްދެވުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޓީޗަރުން މަތީ ތަޢުލީމް ހާޞިލްކުރެއްވުމުގެ ފުރުޞަތު ދެއްވުމުގެ ގޮތުން ގިނަ ޕްރޮގްރާމްތަކެއް ދަނީ ހިންގަވަމުންނެވެ. ވޭތުވެދިޔަ އަހަރު ތެރޭގައި އެކަނިވެސް ދެ ހާހަށްވުރެ ގިނަ ޓީޗަރުން ޑިޕްލޮމާއަށްވުރެ މަތީ ލެވެލްތަކަށް ތަމްރީނު ކުރައްވާފައިވެއެވެ. އަދި މިއާއެކު ވަކި ވަކި މާއްދާތަކުން ޓީޗަރުން ތަމްރީނު ކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ފުރުޞަތު ހުޅުވާލައްވާ ޓީޗަރުން ތަމްރީނު ކުރައްވާފައިވެއެވެ.

ޕީއެސްއެމް އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވިދާޅުވީ އާބާދީ މަދު ރަށްރަށުގައި ޓީޗަރުން ލިބުމުގައި ދަތިތަކެއް ދިމާވާކަމަށެވެ. އެގޮތުން ޓީޗަރުންގެ ތަމްރީން ކުރެއްވުމަށް ހުޅުވާލި ފުރުސަތުގެ ތެރެއިން އާބާދީ މަދު ރަށްރަށުން ޓީޗަރުންނަށް އިސްކަންދެއްވައި، ވަކި ވަކި މާއްދާތަކުން މަތީ ތަޢުލީމު ހާޞިލްކުރުމުގެ ފުރުސަތު ދެވިގެންދާނެކަމަށް ޝަފީޢު ވިދާޅުވިއެވެ.

"ކަނޑައެޅިގެން ވަކި ދާއިރާތަކަށް ބަލާއިރު، އަޅުގަނޑުމެން އެންމެ އިސްކަމެއް މިދެނީ އެކަމުގެ ތަމްރީނު ލިބިފައި ނެތް ރަށްރަށަށް އިސްކަންދީގެން. ދެން އަޅުގަނޑުމެން މިބަލަނީ ސާނަވީ މަރުހަލާގެ ބިދޭސީ ޓީޗަރުން ތިބި ދާއިރާތަކަށް ދިވެހިން ތަމްރީނުކުރުމަށް" ޝަފީޢު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ ޑިގްރީއަށް ތަމްރީނުކުރެއްވުމުގެ މަސައްކަތް ކުރިޔަށްގެންދަވާނީ، ޓީޗަރުންނަށް ފަޞޭހަ ގޮތަކަށް ރާވާލައިގެންކަމަށެވެ. އެގޮތުން ޓީޗަރުންނަށް ވަގުތު ހުސްކުރެވޭނެ ގޮތަށް ކްލާސްތައް ރޭވުމުގެ ކަންތައްތަކާ ބެހޭ މަޝްވަރާ ޔުނިވަރސިޓީތަކާއެކު ކުރައްވާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.