ދުނިޔެ

ހުވާކުރުމުގެ ރަސްމިއްޔާތުގެ ސެކިއުރިޓީއަށް 100 މިލިއަން ޑޮލަރު !


އެމެރިކާގެ ރައީސްކަމުގެ ހުވާ އެމަޤާމަށް އިންތިޚާބު ވެވަޑައިގެންފައިވާ އުމުރުފުޅުން 70 އަހަރުގެ ޑޮނާލްޑް ޓްރަމްޕް މިއަދު ކުރައްވާނެއެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ޓްރަމްޕް ވޮޝިންގްޓަންއަށް ވަޑައިގެންފައިވާއިރު، ހުވާކުރުމުގެ ރަސްމިއްޔާތައް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރުދަނީ ކުރިއަށެވެ.

އެމެރިކާގެ 45 ވަނަ ރައީސް، މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އެމެރިކާގެ ވެރިރަށް ވޮޝިންގްޓަން ޑީސީގެ ކެޕިޓޮލް ބިލްޑިންގެ ބޭރުގައި އެރަސްމިއްޔާތައް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެއްގައެވެ. މަޤާމުގެ ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ އެމެރިކާ ގަޑިން މެންދުރު ބާރަޖަހާއެހާއިރުއެވެ. އެއީ ރާއްޖެ ގަޑިން މިރޭ ދިހައެއްޖަހާއިރުއެވެ.  

img:http://s3.psmnews.mv/images/660x400/14849194838065.jpg|ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށްދާ ސަރަޙައްދު ތައްޔާރުކުރަނީ

ޓްރަމްޕުގެ ހުވާކުރުމުގެ ރަސްމިއްޔާތައް އަށް ސަތޭކަ ހާހާއި ނުވަ ސަތޭކަހާހާ ދެމެދުގެ އަދަދަކަށް މީހުން ޖަމާވާނޭކަމަށް އޮފިޝަލުން ލަފާކުރެއެވެ. މިއީ އޮބާމާ ވެރިކަމުގެ ހުވާކުރެއްވި ރަސްމިއްޔާތައް ޖަމާވި 1.8 މިލިއަން މީހުންނަށްވުރެ މަދު އަދަދެއްނަމަވެސް، މިރަސްމިއްޔާތުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. ޓްރަމްޕްގެ ހުވާކުރުމުގެ ރަސްމިއްޔާތުގެ ސަލާމަތީ ކަންކަމަށް ބަލާލާއިރު،  28 ހާސް ސެކިއުރިޓީ އޮފިސަރުން ވޮޝިންގްޓަންގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވާނެއެވެ.

img:http://s3.psmnews.mv/images/660x400/14849195615600.jpg|ހުވާކުުރުމުގެ ރަސްމިއްޔާތުގެ ތައްޔާރީތަކުގެ ތެރެއިން

ޓްރަމްޕަށް ތާޢީދުކުރާ ފަރާތްތަކާއި އޭނާއާ ދެކޮޅު ފަރާތްތަކަށް ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށްދާ ސަރަޙައްދަށް ވަދެވޭނެއެވެ. ނަމަވެސް ބައެއް ތަކެތި ވަނީ އެސަރަޙައްދަށް ވެއްދުން މަނާކޮށްފައެވެ. އޭގެ ތެރޭގައި ޑްރޯން، ސެލްފީ ސްޓިކް، ކޮނޑުގައި އަޅުވާ ދަބަސް ފަދަ ތަކެތި ހިމެނެއެވެ. ޓްރަމްޕްގެ ހުވާކުރުމުގެ ރަސްމިއްޔާތުގެ ސެކިއުރިޓީ ކަންކަމަށް އެކަނިވެސް 100 މިލިއަނެއްހާ ޑޮލަރު ހޭދަވާނޭކަމަށް އޮފިޝަލުން ލަފާކުރެއެވެ. ނަމަވެސް މިހާތަނަށް މިރަސްމިއްޔާތައް އެއްވެސް ނުރައްކަލެއް އޮތްކަމުގެ އިންޒާރެއް ލިބިފައިނުވާކަމަށް އެމެރިކާގެ ސަލާމަތީ ކަންކަމާބެހޭ އިދާރާތަކުން ބުނެއެވެ.

img:http://s4.psmnews.mv/images/660x400/14849196104642.jpg|އޮބާމާ، އެމެރިކާގެ ރައީސްކަމުގެ ހުވާކުރެއްވުމަށް 2009 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތު

ޓްރަމްޕްގެ ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށްދާނެ ގޮތަށް ބަލާލާއިރު، މިރަސްމިއްޔާތުގައި ފުރަތަމަ ހުވާކުރައްވާނީ ނައިބު ރައީސްގެ މަޤާމަށް އިންތިޚާބު ވެވަޑައިގެންފައިވާ މައިކް ޕެންސްއެވެ. އެއަށްފަހު އެމެރިކާ ގަޑިން މެންދުރު 12 ޖަހާއިރު ޑޮނާލްޑް ޓްރަމްޕް އެމެރިކާގެ 45 ވަނަ ރައީސްކަމުގެ ހުވާކުރައްވާނެއެވެ. އެ ދެ ބޭފުޅުންނަށްވެސް ހުވާ ލައިދެއްވާނީ އެމެރިކާގެ އުއްތަމަ ފަނޑިޔާރެވެ. 

img:http://s1.psmnews.mv/images/660x400/14849196676710.jpg|އެމެރިކާގެ ރައީސްކަމުގެ ހުވާ މިއަދު ކުރެއްވުމަށް ހަމަޖެހިފައިވާ ޑޮނާލްޑް ޓްރަމްޕް އަދި އޭނާގެ ނައިބު ރައީސް މައިކް ޕެންސް

ޓްރަމްޕް މަޤާމުގެ ހުވާކުރެވުމުން، ސިފައިން 21 ބަޑީގެ ސަލާމެއް އަރުވާނެއެވެ. މަޤާމުގެ ހުވާކުރެއްވުމަށްފަހު ޓްރަމްޕް ޤައުމާ މުހާތަބްކުރައްވާ ވާހަކަފުޅުދައްކަވާނެއެވެ. ހުވާކުރެއްވުމުގެ ރަސްމިއްޔާތައްފަހު، އެކަމާ ގުޅުންހުރި އެހެން ހަރަކާތްތައް ފެށިގެންދާނެއެވެ. މިހަރަކާތްތަކުގައި ޓްރަމްޕްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނަވާނެއެވެ.

އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާ ރަސްމީކޮށް ވައިޓް ހައުސްއިން ނިކުމެވަޑައިގެންނަވާނީ ޓްރަމްޕްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތައްފަހުއެވެ. ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އޮބާމާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނަވާއެވެ. އަދި އެމެރިކާގެ ކުރީގެ ބައެއް ރައީސުންނާއި އެހެނިހެން އިއްޒަތްތެރިންވެސް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނަވާނެއެވެ.